ޚަބަރު

ތާރީޚީ ބުރިޖު އާއްމު ދަތުރުތަކަށް ހުޅުވާލާފައިފި


ރާއްޖޭގެ ތާރީޚުގައި ކުރިއަށްގެންދިޔަ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢު، ސިނަމާލެ ބުރިޖު އާއްމު ދަތުރުތަކަށް ހުޅުވާލާފައިފިއެވެ. މިއަދު ހަވީރު 4 ޖެހިއިރު ބުރިޖު އާންމުކޮށް ހުޅުވާލިއިރު ގިނަ ޢަދަދެއްގެ އާއްމުން ވަނީ ބުރިޖު ހުރަސްކޮށް ހުޅުމާލެއަށް ދަތުރުކޮށްފައެވެ.

މާލެއާއި ހުޅުލެއާ ދެމެދު ތަރައްޤީކޮށްފައިވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު ނުވަތަ ސިނަމާލޭ ބްރިޖަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ވަޢުދެވެ. ރާއްޖޭގެ އިޤްތިޞާދު މުޅިން އައު ހަރުފަތަކަށް ގެންގޮސްދޭނެ މި ތާރީޚީ ބިނާ އެޅުމުގެ ރަސްމީ މަސައްކަތްތައް 2015 ވަނަ އަހަރުގެ ތެރޭގައި ފެށުމާއެކު އެތައް ބައެއްގެ ސަމާލުކަން މި މަޝްރޫޢަށް ލިބިގެންދިޔައެވެ.

ސިނަމާލެ ބްރިޖް މިއަދު ރަސްމީކޮށް އާއްމުކޮށް ހުޅުވާލުމާއެކު ގިނަ އަދަދެއްގެ ދިވެހިން ޚާއްޞަކޮށް ދިވެހި ޒުވާނުންނާއި އިސްރަސްވެހިން އަދި ކުޑަކުދިންވަނީ ބުރިޖު ހުރަސްކޮށް ދަތުރުކޮށްފައެވެ. މިގޮތުން ސައިކަލާއި ކާރާއި ބަހުގައި ދަތުރުކުރިއިރު، ފައިމަގުގައިވެސް ގިނަ އަދަދެއްގެ މީހުންވަނީ ބުރިޖު ހުރަސްކޮށް ހުޅުމާލެގޮސްފައެވެ.
އާއްމުކޮށް ބުރިޖު ހުޅުވި ވަގުތުވެގެންދިޔައީ އެތަށްބަކަށް އުފާވެރިކަން ގެނެސްދިން ވަގުތަކަށެވެ. އެކަން ބުރިޖު ސަރަޙައްދަށް އެއްވި މީހުންގެ އަދަދާއި އެމީހުން މޫނުމަތިން ވަރަށް ސާފުކޮށް ފެނިގެންދިޔައެވެ. ބުރިޖު ހުޅުވިގަޑިއާ ދިމާކޮށް އެތައް ސަތޭކަބަޔަކު، އުޅަނދުތަކުގަޔާއި ފައިމަގުގައި ބުރިޖު ހުރަސްކުރަން ޖަމާވިއެވެ. މިއީ މިހާތަނަށް އެއްފަހަރާ މިހާގިނަ އުޅަނދު މާލެއިން ބޭރަށް ދަތުރުކުރި ތާރީޚާ މަންޒަރެކެވެ.

ސިނަމާލެ ބްރިޖް އާއްމުކޮށް ހުޅުވާލުމާ ގުޅިގެން، ބުރިޖު ހުރަސްކުރިގިނަ މީހުން ވަނީ މިކަމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޤައުމަށް ކޮށްދެއްވި ވަރަށް އަގުހުރި މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.

ސިނަމާލެ ބްރިޖް ތަރައްޤީ ކޮށްފައިވަނީ ހަތަރު ލޭނަށް ދެކޮޅަށް ދުއްވާގޮތަށެވެ. މިގޮތުން ވެހިކަލްތަކަށް ވަކި ލޭނެއް ޚާއްސަކޮށްފައިވާއިރު ހިނގާމީހުނަށް ޚާއްޞަ ލޭނެއްވެސްވަނީ ހަދާފައެވެ.

ދިވެހިންގެ ލޯތައް ތަރައްޤީގެ އައު ކުލަވަރުތަކަކަށް ހުޅުވާލަދިން ބްރިޖުގެ މަޝްރޫޢަކީ، އިންޖިނިއަރިންގެ ދާއިރާއިން ރާއްޖޭގައި ކޮށްފައިވާ އެންމެ ތަފާތު އަދި އެންމެ ބިޔަ މަސައްކަތެވެ. ދިގުމިނުގައި 1.3 ކިލޯމީޓަރު އަދި ފުޅާމިނުގައި 20.3 މީޓަރު ހުންނަ މި ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާ، ބްރިޖު ރަސްމީކޮށް ހުޅުވީ މިިދިޔަ އޯގަސްޓް މަހުގެ 30 ވަނަ ދުވަހުގައެވެ. ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑްހާބަރ އިންޖިނިއަރިން ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާ ބްރިޖު ހުޅުވާފައި ވަނީ މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޙަށްވުރެ، 25 ދުވަސް ކުރިންނެވެ.