ޚަބަރު

އިދިކޮޅުން ކިތަންމެ ބިރުދެއްކިޔަސް ޕީޕީއެމް ބަލިކަށިކޮށްނުލެވޭނެ - ޑރ. ޚަލީލް


ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވައި ޕީޕީއެމްގެ ކެމްޕޭނަށް ހުރަސް އެޅުމަށް އިދިކޮޅު ފަރާތްތަކުން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް، ޕީޕީއެމް ބަލިކަށިކޮށްނުލެވޭނެކަމަށް އެޕާޓީގެ ސެކްރެޓްރީ ޖެނެރަލް ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާ ޕީޕީއެމްގެ ޖަގަހަތަކަށް ގެއްލުންދީ، ކެމްޕޭނަށް ހުރަސް އަޅަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެމްޑީޕީގެ ލީޑަރޝިޕް އަޑީގައި އޮވެގެން ހިންގާ މިފަދަ ކަންކަމުގެ ސަބަބުން ޕީޕީއެމްގެ ފިކުރު ބަލިކަށިކޮށް ނުލެވޭނެކަމަށާއި، އެޕާޓީގެ ސަޕޯޓަރުންވެސް ބިރުން ފަހަތަށް ނުޖެހޭނެކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ.

ޑރ. ޚަލީލް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ވެރިކަމެއްގައި ސިވިލް ސަރވިސް މުވައްޒަފުންނާއި، ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން ޕީޕީއެމްގެ ފިކުރަށް ތާޢީދުކުރާ ފަރާތްތައް ވަޒީފާއިން ވަކިކުރާނެކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ބިރުދައްކައިގެން ވޯޓު ހޯދަން މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް މި ސަރުކާރުން ގެނެސްދީފައިވާ ތަރައްޤީ ސިވިލް ސަރވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުންވެސް ބަލައިގެންފައިވާ ކަމަށާއި، އެފަދައިން މުވައްޒަފުންނަށް ބިރުދައްކައިގެން ވޯޓު ހޯދިދާނެކަމަށް އިދިކޮޅު ފަރާތްތަކުން ހީކުރުމަކީ ކުށްހީޔެއްކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ޑރ. ޚަލީލް ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ޕްރޮމޯޓް ކުރާނެ އެއްވެސް ކަމެއް ނެތްކަމަށެވެ. އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ހިންގުންތެރިކަމާއި މަސައްކަތްތެރިކަމަށް ބަލާނަމަ، މަޖިލީހުގައި 20 އަހަރު ހޭދަކުރެއްވިނަމަވެސް، އެބޭފުޅާ މިހާތަނަށް އެއްވެސް ބިލެއް މަޖިލީހަށް ވައްދާފައިނުވާކަން ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ޕީ.ޕީ.އެމްގެ ފަރާތުން އަބަދުވެސް ލިބިގެންދާނެކަމަށް ޑރ. ޚަލީލް ވަނީ ވިދާޅުވެފައެވެ.