ޚަބަރު

24 ގަޑިއިރު ކަރަންޓު ޔަގީންކުރުމުގެ ކާމިޔާބީ ފާހަގަކޮށްފި


ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސައުވީސް ގަޑިއިރު ކަރަންޓު ޔަގީންކުރުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ ބިޔަ މަޝްރޫޢުގެ ކާމިޔާބީ ފަހަގަކޮށްފިއެވެ.

އަތޮޅުތަކުގެ ގިނަ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް ދެމުންދާ ފެނަކަ ކޯޕަރޭޝަނުން މިކަމުގެ އުފާ ފާޅުކުރުމަށް ބޭއްވި ޙަފްލާ ޝަރަފްވެރިކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔުމްގެ އަނބިކަންބަލުން ފާޠިމަތު އިބްރާހީމެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސައުވީސް ގަޑިއިރު ކަރަންޓު ޔަގީންކުރުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ ބިޔަ މަޝްރޫޢުގެ ކާމިޔާބީ ފަހަގަކުރުމަށް ބޭއްވި ރަސްމިޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ. 24 ގަޑިއިރު ކަރަންޓު ޔަގީންކުރުމަށް ކުރާ މަސައްކަތުގެ ކާމިޔާބީ ފާހަގަކުރަމުންދާއިރު މީގެ ފަސްއަހަރުކުރިން ރާއްޖެގެ އެތައްރަށެއްގައި ކަރަންޓުގެ ޚިދުމަތް ލިބެމުންދިޔައީ ސައުވީސް ގަޑިއިރުގެ ތެރެއިން އަށްގަޑިއިރު ނުވަތަ ބާރަ ގަޑިއެއްހައި އިރަށެވެ.

މިމައްސަލަ ޙައްލުކުރެއްވުމަށް ރައީސް ޔާމީން ފެއްޓެވި މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށަށް ކަރަންޓު ލިބޭނެ މަގު ވަނީ ފަހިކޮށްދެއްވާފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ އަހަރުގެތެރޭގައި ހަތްދިހައަށްވުރެގިނަ ޖަނަރޭޓަރު ރަށްރަށަށް ފޮނުވާފައިވެއެވެ. މިމަސައްކަތާއެކު ސަރުކާރުން ދެންއަމާޒުފެށްޓެވީ ރަށްރަށުގައި ޤާއިމްކޮށްފައިވާ އިންޖީނުގެތައް އަޕްގްރޭޑްކޮށް ޒަމާނީ ނިޒާމެއްގެދަށުން ހިންގާ ތަންތަނަށް އެތަންތަން ހެދުމަށެވެ.
މިއަދު އަސާސީ ޚިދުމަތަކަށް ވެފައިވާ ކަރަންޓު ޔަގީންކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިންވެސް ދައުލަތުގެ ޚަރަދުކުޑަކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢެއް ސަރުކާރުންވަނީ ފަށްޓަވާފައެވެ. މިމަޝްރޫޢުގެ ދަށުން މިހާތަނަށް ނުވަ މެގަ ވޯޓްގެ ހަކަތަ އުފެއްދޭނެ ނިޒާމުވަނީ ޤާއިމްކޮށްފައެވެ.

ސައުވީސް ގަޑިއިރު ކަރަންޓު ޔަގީންކުރުމަށް ކުރާ މަސައްކަތް ފާހަގަކުރުމަށް ބޭއްވި ޙަފްލާގައި ވަނީ، ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ތިރީސް ފަސް ޖަނެރޭޓަރު ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ރަސްމީގޮތުން ފަށާފައެވެ. ރަށްރަށް ފޮނުވާ ޖަނެރޭޓަރ ސެޓްތައް ރަސްމީގޮތުން ފޮނުވުމުގެ މަސައްކަތް އިފްތިތާޙުކޮށްދެއްވީ، ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ.

މިމަސައްކަތުގެ ސަބަބުން އިތުރުވަމުންދާ އާބާދީއަށް އެކަށޭނަ ޚިދުމަތެއް ދިނުމުގެ މަގުފަހިވެގެންދާނެއެވެ.
ބަޑިބޭހުގެ ކުޅިވަރާއެކު ޖުމްހޫރީމައިދަނުގައި ބޭއްވި މިރަސްމިއްޔާތުގައި އެކުވެރިކަމާއި ޝުކުރުވެރިކަމުގެ ހަނދާނީ ފިލައެއް ޗައިނާއަށް ހަދިޔާކޮށްފައިވާއިރު، ދިވެހި ރައްޔިތުންނަށް 24 އިރު ކަރަންޓު ޔަޤީންކޮށްދެއްވުމަށް ރައިސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރައްވަމުންދާ މަސައްކަތްޕުޅު ފާހަގަކޮށް އެދެކަނބަލުންނަށްވެސް ވަނީ ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.