ޚަބަރު

އެމްޑީއޭ-ޕީޕީއެމް ކޯލިޝަން ނިމުމަކަށް ގެނައުމަށް އެމްޑީއޭ ކައުންސިލަކުން ނުނިންމާ


ޕީޕީއެމްއާ އެމްޑީއޭއިން ވެފައިވާ ކޯލިޝަން އެއްބަސްވުން އުވާލަން އެޕާޓީގެ ކައުންސިލުން ނިންމާފައި ނުވާކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއާއެކު އެމްޑީއޭއިން ވެފައިވާ ކޯލިޝަން އެއްބަސްވުން އިތުރަށް އާ ނުކުރުމަށް އެމްޑީއޭއިން ނިންމާފަައިވާ ކަމަށް ބުނެ މީޑިއާގައި ފެތެރޭ ޚަބަރުތަކަށް އިޝާރާތް ކުރައްވާ ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީއޭގެ ކައުންސިލުންވެސް އަދި އެޕާޓީގެ އެހެން ގުނަވަނަކުންވެސް ޕީޕީއެމްއާއެކު ވެފައިވާ ކޯލިޝަން އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނުވަތަ ކުރިއަށް ނުގެންދިއުމަށް ނިންމާފައި ނުވާ ކަމަށެވެ.

ނިހާން ވިދާޅުވީ ޕީޕީއެމްގެ ނާއިބު ލީޑަރ މޫސާ ޒަމީރާއި އެމްޑީއޭ ވަގުތީ ގޮތުން ހިންގުމާއި ޙަވާލުވެހުރި އެޕާޓީގެ ވަގުތީ ލީޑަރ އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މަޢުރޫފާއެކު މަޝްވަރާތައް އިއްޔެވެސް ކުރިއަށް ގޮސްފައިވާކަމަށެވެ.

ނިހާން މިފަދައިން ވިދާޅުވެފައިވާއިރު އެމްޑީއޭގެ ހިންގުމުން އެޕާޓީގެ ލީޑަރ އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ވަނީ ދުރަށް ވަޑައިގެން ޕާޓީގެ ހިންގުން ވަގުތީ ގޮތުން ހިންގެވުން އެޕާޓީގެ ނާއިބު ލީޑަރު ޢަލީ މަޢުރޫފާ ޙަވާލުކުރައްވާފައެވެ.

އެމްޑީއޭއިން ޕީޕީއެމްއާއެކު ކޯލިޝަން އެއްބަސްވުން ހަދާފައިވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށެވެ. އަދި އޭގެފަހުން 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބާއި ތަފާތު އެކި ބޮޑެތި ޙަރަކާތްތަކުގައިވެސް ޕީޕީއެމާއި އެމްޑީއޭއިން ގުޅިގެން މަސައްކަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.