ޚަބަރު

ސަޓާ އެވޯޑްސްގެ މީޑިއާ ޕާޓްނަރަކަށް މިއަހަރުވެސް މޯލްޑިވްސް ޓީވީ


ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސަޓާގެ މިއަހަރުގެވެސް މީޑިއާ ޕާޓްނަރަކަޓް ޕީއެސްއެމްގެ މޯލްޑިވްސް ޓީވީ ހަމަޖައްސައިފިއެވެ.

ޕީއެސްއެމްގެ ޓީވީ ބިލްޑިންގގައި، ސަޓާ އެވޯޑްސްގެ ގޯލްޑް ޕާޓްނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މީޑިއާ ޕާޓްނަރަކަށް މޯލްޑިވްސް ޓީވީ ހަމަޖެއްސުމުގެ އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުލް ލަތީފްއެވެ. ސާޓާގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރ ކޮމިއުނިކޭޝަން މުޙައްމަދު ޝާމިން އަލީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުލް ލަތީފް ވިދާޅުވީ، މޯލްޑިވްސް ޓީވީގެ މައިގަނޑު މަޤްސަދަކީ ބޭރު ދުނިޔޭގައި ރާއްޖެއާއި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުންކަމަށެވެ. އެހެންކަމުން މިފަހަރުގެ މި އިވެންޓް އިޝްތިހާރުކޮށް، މިއީ މަޤްބޫލް އިވެންޓަކަށް ހެދުމަށް މޯލްޑިވްސް ޓީވީއާއި ޕީއެސްއެމްގެ ދަށުން ހިންގާ އެހެނިހެން ޗެނަލްތަކާއި ވަސީލަތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް އިކްރާމް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިފަހަރުގެ ތިބޭފުޅުންގެ ތި ހަރަކާތްތަށްވެސް ވީއެންމެ ރަނގަޅަކަށް ގެނެސްދިނުން، އިޝްތިހާރުކޮށްދިނުން، މަޤްބޫލްކޮށްދިނުން، އަދި މުޅި މި ސަރަހައްދުގައިވެސް ވަރަށް ގިނަ ބައެއްގެ ޝައުޤާއި ގިނަ ބައެއްގެ ތާއީދު އަދި ގިނަ ބައެއްގެ މަޤްބޫލްކަން އޮތް އިވެންޓަކަށް މި އިވެންޓް ހެދުމަށްޓަކައި މޯލްޑިވްސް ޓީވީއަށް ކޮށްދެވެންހުރި ހުރިހާ މަސައްކަތެއް އަދި މީގެ އިތުރުން ޕަބްލިކް ޝަރވިސް މީޑިއާގައި މޯލްޑިވްސް ބައިވެރިވުމުގެ މާނައަކީ ހަމައެކަނި މޯލްޑިވްސް ޓީވީން މި ދެއްކުމެއްނޫން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓީވީ މޯލްޑިވްސްއިން އަދި އަޅުގަނޑުމެންގެ ނިއުސް ޗެނަލުން އަދި އަޅުގަނޑުމެންގެ އެހެން ވަސީލަތްތަކުންވެސް މީގެ ޙަބަރުތަށް މުޅި ދުނިޔެއަށް މީގެ ޙަބަރުތަށް މުޅި ދުނިޔެއަށް ފަތުރާނެ." ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުލް ލަތީފް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސާޓާގެ ޑައިރެކްޓަރ ކޮމިއުނިކޭޝަން މުޙައްމަދު ޝާމިން އަލީ ވިދާޅުވީ، މިއީ މިސަރަހައްދުގެ ހޮސްޕިޓަލިޓީ ދާއިރާގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތްކަމަށެވެ. އެގޮތުން 3 އަހަރުގެ ތެރޭގައި 250 ނޮމިނޭޝަނުން 500 ނޮމިނޭޝަންއަށް އިތުރުވެގެންދިއުމަކީ މި އެވޯޑަށް އޮތް ތަރުޙީބު ދައްކުވައިދޭކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"ތާޖްމަހަލް ޕެލެސްގައި މިފަހަރު ބާއްވާ އިވެންޓަކީ މިސަރަހައްދުގައި ހޮސްޕިޓަލިޓީ ފަންކްޝަނެއް ގޮތުގައި ނުވަތަ ހޮސްޕިޓާލިޓީ އެވޯޑް ފަންކްޝަނެއް ގޮތުގައި ބާއްވާ އެންމެ ބޮޑު އެއް އިވެންޓަށް ވެގެންދާނެ. ސާޓާ 3 އަހަރުތެރޭ އަޅުގަނޑުމެން ކުރިއަރާފައި އޮތް މިންވަރަކީ 270 ނޮމިނޭޝަނުން ފެށިގެންގޮސް މިއަހަރު 500 ނޮމިނޭޝަނަށްވުރެ މައްޗަށް ޖެހިގެން ހިނގައްޖެ." ސާޓާގެ ޑައިރެކްޓަރ ކޮމިއުނިކޭޝަން މުޙައްމަދު ޝާމިން އަލީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސާޓާ މިއަހަރުގެ ގޯލްޑް ޕާޓްނަރުންކަމަށްވާ އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާއި ހޮކްސް ޕްރައިވެޓް ލިމިޓެޑާއެކުވެސް ސަޓާއިން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއަހަރުގެ ސާޓާ އެވޯޑް ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ތާޖްމަހަލް ޕެލެސްގައި، މިމަހުގެ 14 ވަނަ ދުވަހުއެވެ.

މި އެވޯޑަށް ސައުތު އޭޝިޔާގެ 5 ޤައުމަކުން ވާދަކުރެއެވެ. އެއީ އިންޑިއާ، ސްރީލަންކާ، ނޭޕާލް، ބޫޓާން އަދި ދިވެހިރާއްޖެއެވެ. މިއަހަރުގެ އެވޯޑް ހަފްލާގައި 36 ދާއިރާއަކުން އެވޯޑުދޭނެކަމަށް ހައިރައިޒުން ބުނެއެވެ. މިދިޔަ އަހަރުގެ އެވޯޑް ހަފްލާ ބާއްވާފައިވަނީ ރާއްޖޭގައެވެ.