ޚަބަރު

އަފްޣާނިސްތާނުގެ މައްސަލައަށް ޙައްލެއް ހޯދަން އެމެރިކާ އާއި ޕާކިސްތާނުން ގޮވާލައިފި


އަފްޣާނިސްތާނުގައި ހިންގަމުންދާ ދުވަސްވީ ހަނގުރާމައަށް ސުލްހަވެރި ސިޔާސީ ހައްލެއް ހޯދުމަށް އެމެރިކާ އާއި ޕާކިސްތާނުގެ ޚާރިޖީ ވަޒީރުން ގޮވާލައްވައިފިއެވެ. މި ދެ ބޭފުޅުން މިކަމަށް ގޮވާލައްވާފައިވަނީ، އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ޕާކިސްތާނަށް ކުރެއްވި ދަތުރުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ޤުރައިޝީއާ ބައްދަލުކުރެއްވުމަށްފަހުގައެވެ.

މި ދެބޭފުޅުން ވަނީ، މިއީ، އަފްޣާނިސްތާނުގައި މިފަދަ ސިޔާސީ ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމަށް ރަނގަޅު ދަނޑިވަޅެއްކަމަށް އެއްބަސްވެވަޑައިގެންފައެވެ. ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދެ ޤައުމުންވެސް ޤަބޫލުކުރާ ގޮތުގައި އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ސުލްހައިގެ މަޝްވަރާތައް ބޭއްވުމަށް އަފްޣާނިސްތާނުގެ ތާލިބާނުންނަށް ހުށަހަޅާފައިވާ ހުށަހެޅުން ތާލިބާނުން ޤަބޫލުކުރަން ޖެހޭކަމަށެވެ.

މި ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕާކިސްތާނުގެ ޙާރިޖީ ވަޒީރު ޤުރައިޝީ ވިދާޅުވީ، އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމުކުރުމަށް ކުރާ މަސައްކަތްތަކަށް ޕާކިސްތާނުން އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށާއި، މިއީ ޕާކިސްތާނުގެ މަސްލަހަތު އޮތް ކަމެއްކަމަށެވެ.