ޚަބަރު

ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައިގެން ތަރައްޤީކުރި ސަރަހައްދު މިރޭ އާންމުންނަށް ހުޅުވާލަނީ


ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައިގެން އަލަށް ތަރައްޤީކުރި ސަރަޙައްދު، މިރޭ އާންމުންނަށް ހުޅުވާލާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ. ބޮޑުތަކުރުފާނުމަގުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފައިވަނީ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ފެށިގެން ހުޅުމާލޭ ފެރީ ޓަރމިނަލާއި ހަމައަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވަނީ ބޮޑުތަކުރުފާނުމަގު ތާރުއަޅައިގެން ތަރައްޤީކުރުމަށް، އެ ސަރަޙައްދުގެ ބައެއް މަގުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާލާއިރު، ބައެއް މަގުތަކުގެ ޓްރެފިކަށް ބަދަލު ގެނެސްފައިވާނެ ކަމަށެވެ. އެގޮތުން ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ކުރިއެކޭ އެއްގޮތަށް ބޮޑުތަކުރުފާނު މަގުގެ ކުރަނގި ގޯޅިއާއި ހަމައިން ފިލިގަސްމަގާއި ހަމައަށް، ހުޅަނގުން އިރަށް އެއްކޮޅަށް ދުއްވާގޮތަށް ހަމަޖެއްސުމާއި، ފިލިގަސްމަގު މިހާރެކޭ އެއްގޮތަށް އުތުރުން ދެކުނަށް އެއްކޮޅަށް ދުއްވާގޮތަށް ހަމަޖެއްސުމާއި، ނަސަންދުރާ އިތުން ބޮޑުތަކުރުފާނު މަގަށް ނުުކުމެވޭ ގޮތަށް ހަމަޖެއްސުން ފަދަ ބަދަލުތައް ހިމެނެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީންވަނީ މަގުތައް ހުޅުވާލުމާއިއެކު، އެ ސަރަޙައްދުގައި ބަހައްޓާފައިވާ ޓްރެފިކް ޤަވައިދުތަކާާއި އެއްގޮތަށް ދުއްވާ ފަރާތްތަކުން ޢަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މަގުތަކުގެ ޓްރެފިކަށް ގެނެވުނު ބަދަލުތައް ގެޒެޓް ކޮށްފައެވެ.

ސިނަމާލެ ބްރިޖްގެ މަޝްރޫޢާ ގުޅުވަިއގެން ބޮޑުތަކުރުފާނު މަގުގެ ބޮޑުބައެއް ތާރުއަޅައިގެން ތަރައްޤީކޮށްފައިވާއިރު، އަލަށް ތަރައްޤީކުރި ސަރަހައްދު ތަކުގައި ޕާކް ކުރުމަކީ މަނާ ކަމެއްކަމަށް ޓްރާންސްޕޯތް އޮތޯރިޓީން ބުނެއެވެ.