ޚަބަރު

ޓެބްލެޓް ނުލިބޭ ދަރިވަރުންނަށް އަންނަ ހަފްތާތެރޭގައި ޓެބްލެޓް ލިބޭނެ - އެޑިއުކޭޝަން މިނިސްޓްރީ


ރާއްޖޭގެ ސްކޫލްތައް ޑިޖިޓަލައިޒް ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އަންނަ ހަފްތާގެ ތެރޭގައި ހުރިހާ ދަރިވަރުންނަށް ޓެބްލެޓް ލިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވީ ރާއްޖޭގެ ގިނަ ސްކޫލްތަކަށް މިހާރު ޓެބްލެޓް ބަހާ ނިމިފައިވާކަމަށާއި، ޓެބްލެޓް ނުލިބިހުރި ދަރިވަރުންނަށް އަންނަ ހަފްތާގައި ޓެބްލެޓް ލިބޭނެކަމަށެވެ. ޑރ. ނަޒީރު ވިދާޅުވީ މިހާރުވެސް ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދެމުންދާކަމަށެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމަށްޓަކައި ބޭނުންވާ ޓެބްލެޓްތަކުގެ ތެރެއިން ޓީޗަރުންނަށް ޓެބްލެޓްތައް ބަހަން ފަށާފައިވަނީ މިއަހަރުގެ މެއި މަހުގައެވެ. އަދި ދަރިވަރުންނަށް ޓެބްލެޓްތައް ބަހަން ފަށާފައިވަނީ ޖޫން މަހުގެ ތެރޭގައެވެ.

ޓެބްލެޓްތަކުގެ އެހީގައި ދަރިވަރުންނަށް ކިޔަވައިދޭން ފަށާއިރު ބެލެނިވެރިންނާއި ދަރިވަރުން މި ޕްރޮޖެކްޓަށް އަހުލުވެރިކުރުމުގެ މަސައްކަތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި މި ތަކެތި ބޭނުންކުރުމަށް ޓީޗަރުންނަށް ދޭންޖެހޭ ތަމްރީނުވެސް ވަނީ ދީފައެވެ.

ސްކޫލުތައް ޑިޖިޓަލައިޒްކޮށް ދަރިވަރުންނާއި މުދައްރިސުންނަށް 70 ހާހަށްވުރެ ގިނަ ޓެބްލެޓް ބެހުމަށް ހަމަޖެހިފައިވެއެވެ.