ޚަބަރު

އިދިކޮޅުގައި އޮތީ އިއްތިހާދެއް ނޫން، އެއީ ބޮޑު ދެކޮޅުވެރިކަމެއް - ޑރ. ޝަހީމް


އިދިކޮޅުގައި އޮތީ އިއްތިހާދެއް ނޫން ކަމަށާއި އެއީ ދެކޮޅުވެރިކަމެއްގެ ތެރެއިން ވަކިމަންފާތަކެއް ޙާޞިލު ކުރަން މަސައްކަތްކުރާ ފަރާތްތަކެއް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ ރަނިންގމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް އޮތް ތާއީދު އިތުރުކުރުމަށް އުތުރުގެ ދެ އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ށ. ފޯކައިދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ތަނަވަސް އަޣްލަބިއްޔަތުން ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި އެނޫންގޮތަކަށް އިންތިޚާބުގެ ނަތީޖާ ނިކުމެ އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބިއްޖެނަމަ ރާއްޖެ ބައިބައިވެގެން ދާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ކޯލިޝަން ސަރުކާރުތަކުގައި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއްހުރިކަން ފާހަގަކުރައްވައި ޑރ. ޝަހީމް ވިދާޅުވީ މާޒީއަށް ބަލާލި ނަމަވެސް ފެންނަން އޮތީ ކޯލިޝަން ސަރުކާރެއް ދެމިނޯންނާނެ ކަމުގެ ހެކިތައް ކަމަށާއި، އެގޮތުން ކޯލިޝަން ސަރުކާރުތަކުގައި އަބަދުވެސް އުޅޭނީ މަޤާމްތައް ބެހުމުގައި ކަމަށް ވިދާޅުވިއެވެ. އަދި އެ މީހުނަށް ވެރިކަން ލިބިއްޖެނަމަ، އަރާރުން އުފެދި 15 އަހަރު ފަހަތަށް ރާއްޖެ ވެއްޓޭނެ ކަމުގެ ބިރު އެބައޮތްކަމަށް ޝަހީމް ވިދާޅުވިއެވެ.

"އިދިކޮޅުގައި އެތިބީ އެއީ އިއްތިހާދެއް ނޫން. އެއީ ދެކޮޅުވެރިކަމެއް. އެހެން ވީމާ އެ މީހުނަށް ވެރިކަން ލިބިއްޖެ ނަމަ މިތަން ބައިބައި ވާނީ. މައްސަލަތައް ގިނަވެ ޕާޓީތައް އެއް ގަލަކަށް ނާރާނެ ތަފާތު ފިކުރުތަކުގެ ޕާޓީ ތަކުގެ ވެރިކަމުގެ ތެރޭގައެއް" ޑރ. ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ މިހާ ތަހުޒީބު މުޖުތަމައެއްގައި ވެރިކަން ކުރައްވާ ފަރާތަކީ ތަޢުލީމީ ޤާބިލް ބޭފުޅަކަށް ވާންޖެހޭނެ ކަމަށެވެ. އެގޮތުން ވެރިކަމަށް އިސްކުރަން ޖެހޭނީ ދުނިޔޭގެ އޮޔާ ވައި ރަނގަޅަށް އެނގިވަޑައިގަންނަވާ ތަޢުލީމީ ހިތްވަރުގަދަ ބޭފުޅެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި މިއަދުގެ ސިޔާސީ މައިދާނުން ފެންނަ މޫނު ތަކުގެ ތެރެއިން ވެރިއެއްގެ ޝަރުތު ހަމަވާ ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީން ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ކޮންމެ ސަރުކާރެއްގައިވެސް މައްސަލަ ހުއްނާނެ. ކޮން ސަރުކާރެއްގައިތޯ މައްސަލަ ނެތީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ސަރުކާރުގައި ހުރި އިސްލާހުކުރަން ޖެހޭ ކަމެއް ވާނަމަ އެ ކަމެއް އިސްލާހްކޮށްގެން މި ސަރުކާރު ދެމެހެއްޓުމަކީ ދިވެހި ރައްޔިތުންނަށް އެތައް މަސްލަހަތެއް އޮތް ކަމެއް. އެހެންވީމަ މި ސަރުކާރު ދެމެހެއްޓުމަށް މަސައްކަތް ކުރަންވީ" ޑރ. ޝަހީމް ވިދާޅުވި އެވެ.

މީގެއިތުރުން ޑރ. ޝަހީމް ވަނީ ކުރިއަށް އޮތް އިންތިޚާބުގައި ރައީސް ޔާމީނަށް ވޯޓް ދެއްވަން ޖެހިވަޑައިގަންނަވާ ސަބަބުތައް ތަފްސީލުކޮށްދެއްވާފައެވެ. އެގޮތުން ދީނީ ގޮތުން ބަލާލިނަމަވެސް މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ދީނަށް ނުދެއްވާ އަހަންމިއްޔަތުކަން ރައީސް ޔާމީން ދެއްވި ކަމަށާއި، ހައްޖުވެރިންނަށް ވިސާ ޖެހުމުގައި ކުރިމަތިވި ގޮންޖެހުންތައް ހައްލުކޮށްދެއްވިކަމާއި، ޤުރުއާން މާއްދާ ސްކޫލްތަކުގައި ކިޔަވައިދޭ މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހެއްދެވުމާއި، އިސްލާމިކް ޔުނިވާސިޓީއެއް ޤާއިމްކޮށްދެއްވާ ދީނީ ގޮތުން މަތީ ފެންވަރަށް ކިޔެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވިކަން ޑރ. ޝަހީމް ފާހަގަ ކުރެއްވިއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް އޮތް ތާއީދު އިތުރުކުރެއްވުމަށް ކުރައްވާ ދަތުރުފުޅުގައި ޑރ. ޝަހީމް ށ. އަތޮޅަށް މިވަޑައިގެންނެވީ ހދ. އަތޮޅުގެ ބައެއް ރައްތަކަށް ވަޑައިގެން އެރަށްރަށުގައި ދޮރުން ހިންގަވާ ރައްޔިތުންގެ އިހްސާސްތައް އަޑު އެއްސެވުމަށްފަހުއެވެ.

ޑރ. ޝަހީމް ފޯކައިދުއަށް ވަޑައިގެންނެވުމުން އެރަށު ރައްޔިތުންވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ޑރ. ޝަހީމް ވަނީ ފޯކައިދޫގައިވެސް ދޮރުން ދޮރަށް ހިންގަވައި ވަކިވަކި ފަރުދުން އަދި ވަކިވަކި އާއިލާތަކާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ޑރ. ޝަހީމް ވަނީ ކްލަބް ޖަމިއްޔާ ޖަމާއަތްތަކާއި ތަފާތު ގްރޫޕްތަކާވެސް ބައްދަލު ކުރައްވާ އެ ފަރާތްތަކުގެ ޚިޔާލާއި ފިކުރުވެސް އޮޅުން ފިލުއްވާފައެވެ.