ޚަބަރު

"ދި ލެގަސީ"ގެ 3ވަނަ ޕްރޮގްރާމަށް ޝައިޚް އަބޫ އުސާމާ ރާއްޖެ ވަޑައިގެންފި


ޕީސް ފައުންޑޭޝަންގެ ފަރާތުން ކުރިއަށްގެންދާ "ދި ލެގަސީ" ސިލްސިލާގެ ތިން ވަނަ ޕްރޮގްރާމްގައި ބައިވެރިވުމަށް ޔޫއެސްއޭއަށް އުފަން ދާޢީ އައްޝައިޚް އަބޫ އުސާމަތުއްޛަހަބީ ރާއްޖެ ވަޑައިގެންފިއެވެ.

ބައިނަލްއަޤުވާމީ އެކި ފޯރަމްތަކުގައި ދީނީ ދަރުސްތައް ދެއްވަމުން ގެންދަވާ ޝައިޚް އަބޫ އުސާމަތުއްޛަހަބީ ރާއްޖެ ވަޑައިގަތީ ޕީސް ފައުންޑޭޝަންގެ ދަޢުވަތަކަށެވެ. ލެގަސީގެ ތިންވަނަ ޕްރޮގްރާމްގައި ދަރުސްދެއްވުމަށް ހަމަޖެހިފައިވަނީ "ދަ ވިނާރ" މިމަޢުޟޫއަށެވެެ.

މި ދަރުސް އޮންނާނީ މިމަހުގެ 7 ވަނަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒު މައިދާނުގައެވެ. ޝައިޚް އަބޫ އުސާމަތުއްޛަހަބީގެ މި ދަތުރުގައި މާލެއާއި އައްޑޫސިޓީގައި ދަރުސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ އިސްލާމީ ޔުނިވަރސިޓީގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބައިވެރިވެވޭގޮތަށް ވޯރކްޝޮޕެއްވެސް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސް އޮންނާނީ މިމަހުގެ 8 ވާ ހޮނިހިރު ދުވަހުއެވެ.
ރާއްޖެ ވަޑައިގެން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން ޝައިޚް ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ ގިނަ ބަޔަކަށް ހުޅުވާލާފައިވާ ތަނެއްކަމުން އިސްލާމީ ދަޢުވަތު ފެތުރުމަށް އިސްލާމީ ރިވެތި އަޚްލާޤާއި ނަމޫނާ ދިވެހިންނަށް ދެއްކިދާނެކަމަށެވެ.

"ދި ލެގަސީ"އަކީ ޕީސްފައުންޑޭޝަނުން ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް 2017 ވަނަ އަހަރު ފެށި ބައިނަލްއަޤުވާމީ ޕްލެޓްފޯމެކެވެެ. މިޕްރޮގްރާމްގައި ބައިވެރިވުމަށް މީގެކުރިން ޑރ.ބިލާލް ފިލިޕްސްއާއި އައްޝައިޚް ޙުސައިން ޔީ ވަނީ ރާއްޖެ ވަޑައިގެންފައެވެ.