ޚަބަރު

އެއަރޕޯޓްގައި އަލަށް ހަދާ ޓަރމިނަލް 3 އަހަރު ތެރޭގައި އޮޕަރޭޝަނަށް ގެންނާނަން - އެމްއޭސީއެލް


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ އެއް ބިލިނއަން ޑޮލަރުގެ މަޝްރުޢުގެ ތެރޭގައި ހިމެނޭ ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތް ނިންމައި 3 އަހަރު ތެރޭގައި އޮޕަރޭޝަނަަށް ގެންނާނެކަމަށް އެމްއޭސީއެލުން ބުނެފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއާގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްޞާ ކުރައްވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ ޓަރމިނަލް އެޅުމަށް ބޭނުންވާ ބިން ސާފުކޮށް، އެކަމަށް ބޭނުންވާ ބިން ތައްޔާރުކޮށްފައިވާކަމަށެވެ.

"ޓަރމިނަލް އެޅުމުގެ މުޙިންމު ކަންކަން އެބަކުރޭ މިހާރުވެސް. އެގޮތުން ޕައިލިންގގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދޭ. ޓަރމިނަލްގެ ހުރިހާ މަސައްކަތްތައް ނިންމަން ތިން އަހަރުވާނެ. ތިންއަހަރު ތެރޭގައި ޓަރމިނަލްގެ އޮޕަރޭޝަންތައް ފަށާނަން". - އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ތަރައްޤީކުރާ ޕަސިންޖަރ ޓާރމިނަލްގައި 40 ގޭޓް ބަހައްޓައި، 36 އިމިގްރޭޝަން ކައުންޓަރ ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އަދި ސީދާ ޕަސެންޖަރ ޓަރމިނަލުން މަތިންދާބޯޓަށް ދެވޭގޮތަށް އެއިރޯ ބްރިޖްވެސް އައު ޓާރމިނަލްގައި ހުންނާނެއެވެ. އާ ޓަރމިނަލް އެޅުމަށް 78 ހާސް އަކަމީޓަރގެ ބޮޑު ބިމެއް ވަނީ ހުސްކޮށްފައެވެ.

އެއަރޕޯޓްގައި މިހާރު ހުރި ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެއް ނަމަވެސް، އަލަށް ތަރައްޤީކުރާ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނީ އަލަށް ހަދާ ޓަރމިނަލްގައި، މިހާރު މެނުއަލްކޮށް ދެމުން އަންނަ ގިނަ ޚިދުމަތްތައް އޮޓަމެޓިކް ޚިދުމަތްތަކަކަށް ބަދަލުކުރާނެ ކަމަށެވެ.

މި މަސައްކަތް ކުރަނީ ސަޢުދީ ޢަރަބިއްޔާގެ ކުންފުންޏެއްކަމަށްވާ ސައުދީ ބިންލާދިން ގްރޫޕުންނެވެ.

އެއަރޕޯޓް ތަރައްޤީކުރުމުގެ 1 ބިލިއަން ޑޮލަރުގެ މަޝްރޫޢު ރަސްމީކޮށް ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ. މި މަޝްރޫޢުގެ ހުރިހާ މަސައްކަތެއްހެން މިހާރު ކުރިއަށްދާއިރު، މަޝްރޫޢުގެތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް މަސައްކަތަކީ އާ ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތެވެ. މީގެ އިތުރުން އެރޕޯޓް ރަންވޭގެ މަސައްކަތް ނިމި މިމަހުގެ ތެރޭގައި ޓެސްޓް ފްލައިޓް ޖައްސާނެއެވެ.