ޚަބަރު

ތައިލޭންޑްއިން ރާއްޖެއަށް ދީފައިވާ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


ތައިލޭންޑްގެ ސިރިންހޯން އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެސްއައިއައިޓީ)ރާއްޖެއަށް ދީފައިވާ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަން ހުޅުވާލައިފިއެވެ.

ތައިލޭންޑްގެ އެސްއައިއައިޓީން ދިވެހިރާއްޖެއަށް ހުޅުވާލާފައިވާ ސްކޮލަރޝިޕްތަކުގެ ތެރޭގައި ހިމެނެނީ ބެޗްލަރސް ޑިގްރީގެ ފުލް ސްކޮލަރޝިޕްގެ 1 ފުރުޞަތާއި ބެޗްލަރސް ޑިގްރީ ޕާރޝަލް ސްކޮލަރޝިޕްގެ 2 ފުރުޞަތެވެ. ތައިލެންޑުން ހުޅުވާލާފައިވާ ކޯސްތަކުގެ ތެރޭގައި ބެޗްލާރސް އޮފް އިންޖިނިއަރިންގެ 6 ކޯހަކާއި ބެޗްލާރސް އޮފް ސައިންސްގެ 3 ކޯހެވެ.

ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނީ، ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތަކީ މި ފުރުޞަތުތަކުގެ ދަށުން އެމީހަކު ބޭނުންވާ ކޯހަކާއިގުޅޭ ޝަރުތުތަކުގެ އިތުރުން، ތަޢުލީމު ހާސިލުކުރުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ، އެންމެ ފަހުގެ އެހީއަށްފަހު، އެ ޑިޕާޓްމަންޓުން ކަނޑައަޅާފައިވާ ސުންގަޑިއަށް، ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެކަމަށެވެ. އަދި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ އެ ޑިޕާޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ، އެ ލޯނެއް އަނބުރާ ދައްކާ ޚަލާސްކޮށްފައިވާ ފަރާތަކަށްވެސް ވާންޖެހޭނެކަމަށެވެ.

މީގެ އިތުރުން އެމީހަކު ކުރިމަތިލާ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވާންޖެހޭނެކަމަށާއި، އެ ބޭނުންވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެކަމަށްވެސް އެ ޑިޕާޓްމަންޓުން ބުނެއެވެ.
ފުލް ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީއާއި އެޑިޔުކޭޝަނަލް ސަޕޯޓް ފީތައް އަދި ޕާރޝަލް ސްކޮލަރޝިޕްގެ ދަށުން %50 ޓިއުޝަން ފީއާއި އެޑިޔުކޭޝަނަލް ސަޕޯޓް ފީތައް ދިނުމަށް ހަމަޖެހިފައިވަނީ (އެސްއައިއައިޓީ) އިންނެވެ.

ތައިލޭންޑްގެ ފަރާތުން ރާއްޖެއަށް ދީފައިވާ މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ހުޅުވާލާފައިވަނީ މިމަހުގެ 13 ވާ ބުރާސްފަތި ދުވަހަށެވެ.