ޚަބަރު

މިދިޔަ އަހަރުގެ މުދަލުގެ ޒަކާތް ބަހަން ފަށައިފި


މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން މިދިޔަ އަހަރުގެ މުދަލު ޒަކާތް ބަހަން ފަށައިފިއެވެ.

މިދިޔަ އަހަރު ގެ މުދަލުގެ ޒަކާތް ބަހަން ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މިމަހުގެ އަންނަ ބުރާސްފަތި ދުވަހާއި ހަމައަށް ކަމަށާއި، ކޮންމެ ދުވަހެއްގެ ހެނދުނު 9 އަކުން ފެށިގެން މެންދުރު ފަހު ތިނެއް ޖެހުމާއި ހަމައަށް މުދަލުގެ ޒަކާތް ބެހެމުގެ މަސައްކަތް ކުރިޔަށްގެންދާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެއަފއަރޒުން ބުނެއެވެ.

މާލެ ސިޓީގައި ޒަކާތް ބެހުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. އަދި އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ގދ.ތިނަދޫ ފިޔަވާ އަތޮޅުތެރޭގެ ރަށްތަކުގައި މުދަލުގެ ޒަކާތް ބެހުމަށް އެ ރަށްތަކުގެ ކައުންސިލްތަކަށް މިހާރު ފައިސާ ފޮނުވާފައިވާ ކަމަށާއި، އެ އިދާރާތަކުން ފައިސާ ބެހުމުގެ އިންތިޒާމު ހަމަޖައްސާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން މަޢުލޫމާތުދެއެވެ. މިއަހަރު މުދަލުގެ ޒަކާތް ބަހަމުންދަނީ ބޮލަކަށް 1000 ރުފިޔާ ގެ މަގުންނެވެ. ކޮންމެ ރަށަކަށްވެސް މުދަލު ގެ ޒަކާތުގެ ގޮތުގައި ބެހުމަށް ފޮނުވާފައިވަނީ އެ ރަށެއްގައި ފަޤީރުން ދިރިއުޅޭ ނިސްބަތަށް ބަލާފައެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ގެ ޑެޕިއުޓީ މިނިސްޓަރ އަދި މޯލްޑިވްސް ސުޕްރީމް ކައުންސިލް ފޯރ އިސްލާމިކް ފަތުވާ، އައް ޝައިޚް އިބްރާހިމް އަޙްމަދު ވިދާޅުވީ ފަޤީރުންނާއި މިސްކީނުންނަން ކަނޑައެޅިފައިވާ ޢަދަދު ބަހާ ނިންމުމަށްފަހު ބާކީވާ ފައިސާ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އެހެނިހެން މުހިއްމު ކަންކަމަށް ހޭދަކުރަން ހަމަޖެހިފައިވާކަމަށެވެ. އޭގެ ތެރޭގައި ދީނީ ރޮނގުންނާއި، ސިއްޙީ އަދި އެހެނިހެން ދާއިރާތަކުން މީހުން ބިނާކުރުން ހިމެނޭ ކަމަށާއި، ބޯން މެރޯ ޓްރާންސްޕްލާންޓް ފަދަ މުހިއްމު އިޖްތިމާޢީ ކަންކަމު ގެ އިތުރުން ޒަކާތު ފަންޑުން ކިޔަވާ ސްކޮލަރޝިޕްތަކަށްވެސް އެ ފައިސާ ބޭނުންކުރާނެކަމަށް އިބްރާހިމް އަޙްމަދު ވިދާޅުވިއެވެ.

މިއަހަރު މާލެ ސިޓީން 3302 ފަޤީރުންނަށް އަދި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ ގެ އިތުރުން ގދ.ތިނަދޫ ފިޔަވާ އެހެން ރަށްތަކުން ޖުމްލަ 9992 ފަޤީރުންނަށް މުދަލު ގެ ޒަކާތް ބެހުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މާލެ ސިޓީގައި މުދަލުގެ ޒަކާތް ބެހުމަށްފަހު، އިސްލާމިކް މިނިސްޓްރީން އައްޑޫ އާއި ފުވައްމުލަކު އަދި ތިނަދޫގައިވެސް މުދަލުގެ ޒަކާތް ބަހާނެކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ. އެ ރަށްރަށުގައި މުދަލުގެ ޒަކާތް ބަހާނެ ތާރީޚާއި، އެ ރަށްރަށަށް ނިސްބަތްވާ ފަޤީރުން ގެ ޢަދަދު ވެސް ކައިރި މުސްތަޤުބަލެއްގައި އިޢުލާން ކުރާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން މައުލޫމާތު ދެއެވެ.

އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ގދ. ތިނަދޫ ފިޔަވާ ޖުމްލަ 13،294 މީހުން ފަޤީރުން ގެ ގޮތުގައި ނަން ނޯޓު ކޮށްފައިވެއެވެ. ވޭތުވެ ދިޔަ އަހަރު، 2016 ވަނަ އަހަރުގެ މުދަލުގެ ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހިފައިވަނީ 900 ރުފިޔާއެވެ.