ޚަބަރު

ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި


މިމަހުގެތެރޭގައި ސްރިލަންކާގެ އެކިހިސާބުތަކުގައި މުޒާހަރާތަކެއް ކުރުމަށް ނިންމާފައިވުމައެކު އެޤައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން އިލްތިމާސްކޮށްފިއެވެ.

މިމަހުގެ 5 އިން 7 ވަނަ ދުވަހުގެ ނިޔަލަށް ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ބައެއް ހިސާބުތަކުގައި ބޮޑެތި މުޒާހަރާތަކެއް ކުރުމަށް ޢިއުލާން ކޮށްފައިވާތީ އެ ދުވަސްތަކުގައި ދިވެހިން މަގުމަތީގައި ނުކުމެ އުޅޭއިރު ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްބަސީން އިލްތިމާސްކުރެއެވެ. އަދި ޒަރޫރީ ބޭނުންތަކަށް މެނުވީ ބައިބޯވާ ތަންތަނަށް ނުދިއުމަށްވެސް އެމްބަސީން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން މި ދުވަސްތަކުގައި ޓްރެފިކަށް ވަރަށް ބޮޑަށް ބުރޫއެރުން އެކަށީގެންވާތީ ތަންތަނަށްދާއިރު ދުރާލައި ދަތުރު ފެށުމަށްވެސް އިލްތިމާސްކުރެއެވެ. އަދި ކޮންސިއުލަރ އެހީތެރިކަން ބޭނުންވެއްޖެނަމަ އެމްބަސީގެއަށް އެންގުމަށްވެސް ސްރީލަންކާގައިހުންނަ ދިވެހި އެމްބަސީން އިލްތިމާސްކުރެއެވެ.