ޚަބަރު

އިމާމުންނާއި ޚަޠީބުން ތާޒާކުރާ 11 ވަނަ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފި


އިމާމުންނާއި ޚަޠީބުން ތާޒާކުރުމަށް އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ އެގާރަވަނަ މަސައްކަތު ބައްދަލުވުން ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

އިސްލާމީ މަރުކަޒުގެ ކޮންފަރެންސް ހޯލުގައި ބޭއްވި ހަފްލާއެއްގައި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ޝަރަފްވެރިމެހެމާނު، ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ އާއި އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވި އިމާމުންނާއި ޚަޠީބުންނަށް ކިޔަވާދީފައިވަނީ ބަންގި ގޮވަންވީ ހަމަތަކާއި ކީރިތި ޤުރުއާން ކިޔަވަންވީ މޫރިތިވި ރާގުތަކާ ގުޅޭގޮތުންނާއި ދިވެހި ބަހުގެ ހަމަތަކާ އެއްގޮތަށް ޚުތުބާ ކިޔުމުގައި ގެންގުޅެންވީ އުސޫލުތަކާއި ގުޅޭ ގޮތުންނެވެ.

މި ހަފްލާގައި ބައިވެރިންނާ މުޚާތަބުކުރައްވާ ވާހަކަ ދައްކަވަމުން ޝަރަފްވެރިމެހެމާން ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އިސްނެންގެވުމުގެ މަތިން އިސްލާމިކް މިނިސްޓްރީގެ ހިންގުމަށް ބަދަލުތަކެއް ގެންނަވައި ޤުރުއާން ހިތުން ކިޔަވަން ދަސްކޮށްދިނުމުގެ ކޯސްތަކާއި އިމާމުންނާއި ޚަޠީބުން ތަމްރީނުކުރާ ކޯސްތައް ތަޢާރަފްކޮށްދެއްވި ކަމަށެވެ.

އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ، މި ބަދަލުތަކާއެކު ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އިމާމުން ތަމްރީނުކުރުމުގެ ޑިގްރީ ކޯހެއް މިދިޔަ އަހަރު ފަށާފައިވާ ކަމަށެވެ. އަދި މިހާރުވެސް އެކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އުސްތާޒް ވިދާޅުވިއެވެ.
ހަތަރު އަތޮޅަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ޖުމްލަ 92 ބައިވެރިން ބައިވެރިވެފައިވާއިރު، މިފަދަ އިތުރު މަސައްކަތު ބައްދަލުވުންތަކެއް މިއަހަރުގެ ތެރޭގައި އިތުރު ސަރަޙައްދުތަކަށް އަމާޒުކުރެވިގެން ކުރިއަށްގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 2016 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުން މީގެކުރިން ވަނީ ލާމު އަތޮޅާއި އައްޑު އަތޮޅު އަދި ފުވައްމުލަކުގައިވެސް ކުރިއަށްގެންގޮސްފައެވެ.