ޚަބަރު

ތޮއްޑޫގައި އައު ސްކޫލެއް ބިނާކޮށްދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ


އަރިއަތޮޅު އުތުރުބުރީ ތޮއްޑޫގައި އައު ސްކޫލެއް ބިނާކޮށްދެއްވާނެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތޮއްޑޫގައި އައު ސްކޫލެއް ބިނާކޮށްދެއްވާނެކަމަށް ވިދާޅުވީ އަރިއަތޮޅު އުތުރުބުރިއާއި އަރިއަތޮޅު ދެކުނުބުރި އަދި ނިލަންދެއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދެދުވަހުގެ ދަތުރުފުޅުގައި ތޮއްޑޫއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީ ސަރުކާރެއްގައި މަތީ ތަޢުލީމުގެ ފުރުޞަތުތައް ހޯއްދަވައިދެއްވާނެކަމަށް ބުނަމުންދާއިރު އެމްޑީޕީގެ ސަރުކާރުން ތަޢުލީމީ ދާއިރާއަށް ކޮށްދެއްވިކަމެއް ނޯންނާނެކަމަށް ވިދާޅުވިއެވެ. މިހާތަނަށް ތަޢުލީމީ ދާއިރާއަށް އިންގިލާބެއް ބަދަލުގެންނެވީ މިސަރުކާރުންކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން މިހާތަނަށް ފަހިކޮށްދިން މަތީ ތަޢުލީމްގެ ފުރުސަތުތަކުގެ ތެރެއިން 90 އިންސައްތަ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުންދަނީ ސަރުކާރުގެ އެހީގައިކަމަށެވެ.

މިސަރުކާރުން އެފަދަ މަތީ ތަޢުލީމްގެ ފުރުސަތުތައް ހުޅުވާލުމާއި ޔުނިވާސިޓީތައް ބިނާކުރަމުން ގެންދިއުމުން އެކަންކަމާ އެންމެ ބޮޑަށް ދެކޮޅުހެދީވެސް އިދިކޮޅު އެމްޑީޕީންކަމަށް. ރައީސް ޔާމީންގެ ވާހަކަފުޅުގައި މިހާތަނަށް ތަޢުލީމީ ދާއިރާއަށް އެންމެ ބޮޑު ޚިދުމަތެއް ކުރެއްވީ މިސަރުކާރުންކަމަށް ތަކުރާރުކުރައްވަމުން ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ބިނާކުރި އެންމެ ސްކޫލެއްވެސް ނުހުންނާނެކަމަށެވެ. އެގޮތުން ތަޢުލީމީ ދާއިރާގެ އިންފްރާސްޓްރަކްޗަރއަށް އެކަނިވެސް 770 ކުލާސް ރޫމް ޤާއިމްކޮށްދެއްވާފައިވާކަމަށާއި އެއީ އައު 40 ސްކޫލްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތޮއްޑޫ ސްކޫލުގައި މިހާރު 380 ކުދިން ކިޔަވަމުންދާއިރު، އެރަށުގައި އައު ސްކޫލެއް އަޅުއްވާދެއްވާނެކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ތަޢުލީމީ ދާއިރާއަށް ކޮށްދެއްވަން މިސަރުކާރުން ވެފައިވާ ވަޢުދުތައް ނިމިގެންދާއިރު ތައުލީމީ ދާއިރާގެ ކަންކަން ހުންނާނީ ފުރިހަމަވެފައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާތަނަށް ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށް މިސަރުކާރުން ހައްލު ހޯދާދީފައިވާކަމަށާއި ކޮންމެ ދާއިރާއަކުންވެސް އެންމެ ރަނގަޅު ނަތީޖާއެއް ނެރެދެއްވީ މިސަރުކާރުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ތޮއްޑޫއަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވަނީ ބަނދަރުކަމަށާއި އެމަނިކުފާނަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިޖެނަމަ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ތަނަވަސް ބޮޑު ބަނދަރެއް ތޮއްޑޫގައި ތަރައްޤީ ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ތޮއްޑޫއަކީ ގިނަ ވަގުފް ބިންތައް އޮތް ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެރަށުގެ ވަޤުފް ބިންތައް ރައްޔިތުންނަށް ދޫކުރުމަށް އެމަނިކުފާނު ނިންމާފައިވާކަމަށެވެ. އެ ބިންތައް ރައްޔިތުންނަށް ހޯދައިދެނީ ސަރުކާރުން ބަދަލުދީގެންކަމަށާއި، އެ ވަގުފް ބިންތަކަށް ރައްޔިތުން ބަދަލުދޭކަށް ނުޖެހޭނެކަމަށް ވިދާޅުވިއެވެ. އަދި ތޮއްޑޫއިން 80 ގޯތި ދޫކުރުމަށް ކައުންސިލަށް އަންގާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ތޮއްޑޫގައި ފުޓްސަލް ދަނޑެއް ތަރައްޤީކޮށްދެއްވާނެކަން ފާހަގަކުރައްވަމުން ވިދާޅުވީ، މިސަރުކާރުން ކުރާ މަސައްކަތް ތޮއްޑޫ ރައްޔިތުން ބަލައިގަންނަކަން ދައްކުވައިދީފައިވާކަމަށެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި އެމްޑީޕީ ސަރުކާރުން ތޮއްޑޫގެ ތަރައްޤީއަށް ހޭދަކޮށްފައިވަނީ އެންމެ ދޮޅު މިލިއަން ރުފިޔާކަމަށާއި މިސަރުކާރުން ތޮއްޑޫގެ ތަރައްޤީއަށް 41 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތޮއްޑޫއަށް ވަޑައިގަތުމުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ.