ޚަބަރު

ލިބޭ ޢިލްމުގެ ބޭނުންކޮށްގެން ވިސްނާ ފިކުރު ހިންގުމަކީ މުހިންމުކަމެއް - އެޑިއުކޭޝަން މިނިސްޓަރ


ލިބޭ ޢިލްމުގެ ބޭނުންކޮށްގެން ކަންކަމާމެދު ވިސްނާ ފިކުރު ހިންގުމަކީ މުހިންމު ކަމެއްކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް މިހެން ވިދާޅުވީ، ސިނަމާލެ ބުރިޖުގައި ބޭއްވި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ މިއަހަރުގެ ދެވަނަ ދަސްވެނިވުން ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

ސިނަމާލެ ބުރިޖުގެ ހިތްޤައިމު ސަރަޙައްދުގައި ބޭއްވި ދަސްވެނިވުމުގައި ދަރިވަރުންނާ މުހާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކަމެއް ފެންނައިރަށް އެކަމަކާމެދު ފުރަތަމަ ވިސްނާނުލާ ރައްދެއް ދިނުމުގެ ކުރިން ތިމާއަށް ލިބިފައިވާ އިލްމާއި މަޢުލޫމާތުގެ އަލީގައި ބުއްދީގެ ބޭނުން ހިފަންޖެހޭ ކަމަށެވެ. އަދި ލިބޭ ޢިލްމާއެކު ހުޅުވިފައިވާ ނަޒަރަކުން ކަންކަމާމެދު ވިސްނާ ފިކުރު ހިންގުމަކީ ތަފާތުކުރުންތައް ނައްތާލައި އެންމެންގެ ތެރޭގައި ހަމަޖެހުން ޤާއިމުވެގެންދާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކަމެއް ދަސްކުރުމަކީ، ހަމައެކަނި ކަމަކާ ގުޅޭ މަޢުލޫމާތެއް ލިބުމެއްނޫން. އަދި ކަން އޮތްގޮތް ސާފުކޮށް އެނގިފައި އޮތުމެއްވެސްވެސްނޫން. ނަމަވެސް އެ ދަސްވި އެއްޗެއްގެ ސަބަބުން މީހެއްގެ އަޚްލާގަށް، ކަންކުރާ ގޮތަށް އަދި ވިސްނުމަށް ގެނެވޭ ބަދަލު. އެހެންކަމުން ކިޔެވި އެއްޗެއްގެ ބޭނުންހިފައި އޭގެ ފައިދާކުރާނީ އަލަށް ދަސްވާކަންކަމާއެކު އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރުމަށް އަޒުމަކާއެކު ނުކުމެ މަސައްކަތްކޮށްގެން."

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

އެމްއެންޔޫގެ ދަސްވެނިވުމުގައި ވަނީ 2018 ވަނަ އަހަރުގެ ފުރަތަމަ ޓާމުގެ ދަސްވެނިންގެ ތެރެއިން އެކި ކޯސްތަކުން އެއްވަނަ ހޯދާފައިވާ، ޝަރަފްގެ އެވޯޑު ލިބޭ ދަރިވަރުންނަށް ރައީސުލްޖުމްޙުރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ދެއްވާ ޚާއްސަ އިނާމުވެސް ދެއްވާފައެވެ. މިއިނާމް ދަސްވެނިންނާ ހަވާލުކޮށްދެއްވީ ޝަރަފްވެރި މެޙެމާން ޑރ. އައިޝަތު ޝިހާމް އެވެ.

އެމްއެންޔޫގެ ދަސްވެނިވުމުގައި ތަފާތު އެކި ދާއިރާތަކުން 781 ދަރިވަރުން ދަސްވެނިވެ ސެޓްފިކެޓް ޙާސިލްކޮށްފައިވާއިރު، މީގެ ތެރެއިން 375 ދަރިވަރުންނަކީ ބެޗެލާސް ނުވަތަ މާސްޓާރސް ޑިގްރީ ޙާސިލްކުރި ދަރިވަރުންނެވެ.