ޚަބަރު

މިއީ ޚިޔާލަށްވެސް ނާންނަ، ހުވަފެނުން ނުދެކޭވަރުގެ ކަމެއް!!


ތަޢުލީމީ ޙަޔާތް ނިންމާ، އެމީހަކަށް ލިބުނު ކުރިއެރުން ފާހަގަކުރަން ކޮންމެ މީހަކުވެސް ބޭނުންވާނީ ތަފާތު އެކި ގޮތްގޮތަށެވެ. އެގޮތުން މަތީ ތަޢުލީމު ނިންމާ ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ޚިޔާލަށްވެސް ނާންނަ ފަދަ ތަނެއްގައި ކުލަގަދަ ރަސްމިއްޔާތެއްގައި ބައިވެރިވެ އެކަމުގެ ސަނަދު ލިބުން އެއީ ކޮންމެ މީހަކުވެސް ދެކެމުން އަންނާނެ ހުވަފެނެއްކަން ޔަޤީނެވެ.

އަދި ހަމަ އެހެންމެ އެކަމުގެ އުފާ އޭގެ އެންމެ ފޮނި ގޮތުގައި ހޯދުމަށްޓަކައި ތަފާތު ތަނަކަށް ނުވަތަ ޤައުމަކަށް ގޮސް ފޮޓޯ ނެގުމާއި، އާއިލާއާއި އެކުގައި ކޮންމެވެސް ތަނެއްގައި ޚާއްޞަ ޙަފުލާއެއް ބޭއްވުމަކީވެސް މިދެންނެވި ފަދައިން ހަމަ ކޮންމެ މީހަކުވެސް ކުރަން ބޭނުންވާނެ ކަމެކެވެ.

އެގޮތުން ރާއްޖޭގެ ތާރީޚު މީގެ ކުރިން ނުދެކޭ ފަދަ ބޮޑު މަންޒަރެއް މިވަނީ އަޅުގަނޑުމެންނަށް ފެނިގެންގޮސްފައެވެ. ފުރަ މާލޭގައި މިހާތަނަށް ހެދި އެންމެ ވަރުގަދަ އެއް ބިނާކަމުގައިވާ ސިނަމާލެ ބުރިޖުގައި މޯލްޑިސް ނެޝަނަލް ޔުނިވަރސިޓީގެ މިއަހަރުގެ ދެވަނަ ދަސްވެނިވުން ބޭއްވިގެންދިޔަ ބޮޑު މަންޒަރެވެ. ގިނަ ލޯތަކަކަށް ފެންނާނެ ގޮތަށް ޓީވީން ލައިވްކޮށް ގެނެސްދިން މި ދަސްވެނިވުމަކީ މީގެ ކުރިން އެހެން ޤައުމަކުން ނުވަތަ ޓީވީއަކުންވެސް ފެނިފައިނުވާ ވަރުގެ ހިތްގައިމު މަންޒަރެކެވެ.

ސިނަމާލެ ބުރިޖު ހަދާ ނިމުމާއެކު މިވީ ކުރު މުއްދަތުގައި އެތަނުގައި ވަނީ ތަފާތު އެކި ޙަފުލާތައް ބާއްވާފައެވެ. އެގޮތުން ކައިވެނި ޙަފުލާތަކާއި، ރައްޔިތުން ބުރިޖުގައި ވެދުމާ ދިއުމާއި، އިސްރަށްވެހިންނާއެކު ބުރިޖުގައި ހިނގާލުން އަދި ބައިސްކަލުގައި ބުރުޖެހުން ފަދަ އެކި ޙަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

މިހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ ކަމަކަށް ވެގެންދިޔައީ މަތީ ތަޢުލީމު ނިންމި ދަރިވަރުންނަށް އެކަމުގެ ސަނަދު ޙަވާލުކުރުމަށް ބޭއްވި ކުލަގަދަ ޙަފުލާއެވެ.
ދިވެހި ތާރީޚާއި އާދަކާދައާއި ޘަޤާފަތް ދައްކުވައިދޭ ގޮތަކަށް ބޭއްވި މި ގްރެޖުއޭޝަނުގައި ދަސްވެނިވިންނާއި، އެ ދަސްވެނިވިންގެ ޢާއިލާގެ މެމްބަރުން ބައިވެރިވިއެވެ.

މިހުރިހާ ފަރާތްތަކެއްގެ މޫނުމަތިން ހިނިތުންވުމާއި އުފާވެރިކަން ފެނިގެންދިޔައިރު، ވަކިން ޚާއްޞަކޮށް ބުރިޖު މަތީގައި މިޙަފުލާ ބޭއްވިގެންދިއުމުން އެކަމުގެ އުފާ ލިބިފައިވާ މިންވަރު މާރީތީކޮށްވެސް ފެނިގެންދެއެވެ. އަދި އެފަރާތްތަކުގެ ޝުއޫރުތައްވެސް މިކަމުގެ ހެއްކަކަށް ފުދެއެވެ.

މިޙަފުލާގައި ވާހަކަ ދައްކަވަމުން އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. މުއާވިޔަތު މުޙައްމަދު ވިދާޅުވީ އެމްއެންޔޫގެ މި ގްރެޖުއޭޝަނަކީ ތާރީޚީ ގޮތުން ވަރަށް ފާހަގަކޮށްލެވޭ ބޮޑު ރަސްމިއްޔާތެއް ކަމަށެވެ. އެގޮތުން ހުޅުލެއާއި މާލެ ގުޅުވައިދޭ ދާލަން މަތީގައި މި ގްރެޖުއޭޝަން ބޭއްވޭކަމީ ރާއްޖެ ތަރައްޤީއަށް މިޞްރާބު ޖަހާފައިވާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދަސްވެނިވުމުގައި ތަފާތު އެކި ދާއިރާތަކުން 781 ދަރިވަރުން ދަސްވެނިވެފައިވާއިރު، މީގެ ތެރެއިން 375 ދަރިވަރުން ވަނީ ބެޗެލަރސް ނުވަތަ މާސްޓާރސް ޑިގްރީ ޙާސިލުކޮށްފައެވެ.