ޚަބަރު

އިންތިޚާބަށް ހުރަސް އެޅޭފަދަ ވާހަކަ ނުފެތުރުމަށް އިލްތިމާސްކޮށްފި


ކުރިއަށްއޮތް ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ޝައްކު އުފެދޭ ފަދަ ޙަގީގަތާއި ޚިލާފު ވާހަކަތަކެއް ބައެއް މީޑިއާތަކުން ޚަބަރުފަތުރަމުންދާތީ އިލެކްޝަންސް ކޮމިޝަނުން އެކަން ކުށްވެރިކޮށްފިއެވެ.

އެކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަކީ އެކޮމިޝަނަށް ޤާނޫނީ ގޮތުން ލާޒިމްވާކަމެއްކަމަށެވެ. އަދި ކޮމިޝަންގެ ނިންމުންތައް ނިންމާނީ ކޮމިޝަންގެ ރައީސް ނޫންކަމަށާއި އެއީ ކޮމިޝަންގެ އަޣުލަބިއްޔަތުން ކުރާކަމެއްކަންވެސް އެބަޔާނުގައި ފަހަގަކޮށްފައިވެއެވެ.

އަދި ރިސޯޓުތަކުގައި ވަކި ޢަދަދަކަށް ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެއްސީ ވޭތުވެދިޔަ އިންތިޚާބުތަކުގައި ކަންކަން ކުރިއަށްދިޔަގޮތް ބެލުމަށްފަހުކަމަށާ، ވޯޓްފޮށި ބެހެއްޓި ޢަދަދު އިތުރުކުރީ ގިނަ ބަޔަކަށް ވޯޓްކުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށްކަމަށްވެސް އިލެކްޝަން ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.
ރެޖިސްޓްރޭޝަންގެ މަސައްކަތްތަކާގުޅޭގޮތުން ފަތުރަމުންދާ ދޮގު ވާހަކަތަކަށް ރައްދުދީ އެބަޔާނުގައި ބުނެފައިވަނީ ރީރެޖިސްޓްރޭޝަންގެ މަސައްކަތްތައް މިފަހަރުވެސް ކުރިއަށްގެންދިޔައީ މީގެކުރީގެ އިންތިޚާބުތަކުގައިވެސް ކުރިއަށް ގެންގޮސްފައިވާ ގޮތަށްކަމަށެވެ.

އެކަމުގައި އިތުރު އާގޮތްތަކެއް ބޭނުންކޮށްފައި ނުވާކަމަށާ، ރީރެޖިސްޓްރޭޝަންގެ ސިއްރު މަޢުލޫމާތުތަކެއް ކޮމިޝަނުން ލީކުވި ވާހަކައެއް، އެއްވެސް އިރެއްގައި ކޮމިޝަންގެ ރައީސް އެއްވެސް ޕްލެޓްފޯމެއްގައި ދައްކާފައިނުވާނެކަމަށެވެ.

މީގެއިތުރުން ސައުތް އެފްރިކާގެ ލެކްސްޓަން ގްރޫޕްގެ ބަޔަކު ރާއްޖެ އައުމާއި ގުޅޭގޮތުން އެކި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެމުން އިލެކްޝަން ކޮމިޝަނުންބުނީ އެމީހުން ރާއްޖެއައީ ސިއްރުން ނޫންކަމަށާ، އެމީހުން ރާއްޖެ އައުމުގެ ކުރިން އެ ދަތުރާއިބެހޭ މަޢުލޫމާތު ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށާއި، ކަމާގުޅުންހުރި އެންމެހާ މުއައްސަސާތަކާ ޙިއްސާކޮށްފައިވާނެކަމަށެވެ.

މިމަހު 23ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔަސީ އިންތިހާބަކީ ހުރިހާ ގޮތަކުންވެސް އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް އިލެކްޝަންސް ކޮމިޝަނުންދަނީ މަސައްކަތްކުރުމުންނެވެ. އިލެކްޝަން ކޮމިޝަންގެ ބަޔާނުގައިވަނީ ރިޔާސީ އިންތިޚާބާގުޅޭގޮތުން ޚަބަރު ފެތުރުމުގައި މީޑިއާތަކުން ޒިންދާރުކަމާއިއެކު ޚަބަރު ފެތުރުމަށް އިލްތިމާސްކޮށްފައެވެ.