ރިޔާސީ ރޭހުގައި މާލޭ ސިޓީންވެސް ރައީސް ޔާމީން ކުރިހޯއްދަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ޕީ.އެސް.އެމް ނިއުސްއިންގެނެސްދޭ "ސިނަމާލެ ބްރިޖް - ހުވަފެން ހަޤީޤަތަކަށް" ލައިވް ކަވަރޭޖްގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް މޫސާ މަނިކު ވިދާޅުވީ، އިޤްތިސާދީ ގޮތުންނާއި ޢުމްރާނީ ތަރައްޤީގެ ރޮންގުން ރާއްޖޭގެ މިހާތަނަށް ދެކެފައި ނުވާވަރުގެ ބޮޑު އަދި ބިޔަ މަޝްރޫޢުތައް މާލޭގައި ކުރިއަށްގެންގޮސް ނިންމަމުންދާއިރު، މާލޭގެ ރައްޔިތުން މިމަންޒަރުތައް ވަރަށް ގާތުން ބަލަމުންދާކަމަށެވެ. ރައީސް ޔާމީނަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެންވެސް ޤައުމީ ކަންކަމާއި ޚާއްސަކޮށް މާލެ ކުރިއެރުވުމަށް އިސްސަފުގައި ހަރަކާތްތެރިވަމުން ދިޔަ ބޭފުޅެއްކަމަށް މޫސާ މަނިކު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަޙްގެ ހަޤީގަތް މާލޭގެ ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭކަމަށެވެ.
"މާލޭގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަކަށް ނޭނގެ ކިހިނެތްކަމެއް ރައީސް ޔާމީނަށް ޝުކުރުދަންނަވާނީ. ހަމަގައިމުވެސް އަޅުގަނޑު ދަންނަވާނީ މިފަހަރުގެ މި އިންތިޚާބުގައި ވަރަށް ބޮޑު ތާއީދެއް މާލޭގެ ރައްޔިތުންގެ ފަރާތުން ލިބިގެންދާނެއޭ. ރައްޔިތެއްގެ ހައިސިއްޔަތުން ދަންނަވާލާނީ، ބައެއް މީހުން އެބަކިޔާ މާލޭގަ ޕީޕީއެމް އަށް ނުވަތަ ރައީސް ޔާމީނަށް ތާޢީދެއް ނެތޭ. އެހެނެއް ނުވާނެ އިނގޭތޯ. ވަރަށް ބޮޑު ތަފާތަކުން މާލޭގެ ރައްޔިތުން ރައީސް ޔާމީނަށް ތާޢީދުކުރާނެކަން މަގުމަތިން ފެންނަމުން އެދަނީ. މާލޭގެ ރައްޔިތުންނަކީ ވަރަށް ތަންދޮރުދަންނަ ބައެއް. އެއީ ހަމައެކަނި ޑިމޮކްރަސީ ވެގެން ކެނެރީގޭ މުޙައްމަދު ނަޝީދު ފަހަތައް އަރައިގެން އޭނަގެ ފޮޓޯއެއް ފާރުގައި ހިއްޕައިންގެން ތިބޭވަރުގެ ގަމާރު ބައެއް ނޫން މާލޭ މީހުންނަކީ" މޫސާ މަނިކު ވިދާޅުވިއެވެ.
ވެރިކަން ހޯދުމުގެ ބޭނުމުގައި ކޯލިޝަނެއް ހަދައިގެން މަސައްކަތްކުރާ މީހުންގެ ތެރޭގައި ދުވަހަކުވެސް ރާއްޖެއަށް ހެޔޮނޭދޭނެ ބައެއް މީހުން އުޅުއްވާކަން ފާހަގަކުރައްވަމުން މޫސާ މަނިކު ވިދާޅުވީ، ރާއްޖޭގެ ޖީލެއް ހަލާކުވެގެންދިޔައީ އެފަދަ ލީޑަރުންގެ ވެރިކަމުގައި ކަމަށެވެ. އަދި އިދިކޮޅު ލީޑަރުންންނަކީ ފޮޓޯ ނަންގަވައިގެން މަޤުބޫލުކަން ހޯއްދަވާ ބޭފުޅުންކަމަށާއި، ރިޔާސީ އިންތިޚާބު މިހާ ކައިރިވެފައިވާއިރުވެސް ފެންނަނީ މިމަންޒަރުކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.
"މިހާރުވެސް ބޮޑު ސިންގާ އިންތިޚާބަކަށް ކެމްޕޭން ކުރަމުން މިދަނީ، އިބްރާހީމް މުޙައްމަދު ސާލިޙާ ފައިސަލަށްވުރެ ގިނަ މިހަތަރު ލީޑަރުންގެ ފޮޓޯ. ބޮޑެތި ފްލައިވުޑް ފިލާގައި ޖަހާފައި. އެމީހުންގެ ފޮޓޯއާއި ހެދި އިބްރާހިމް މުޙައްމަދު ސާލިޙްގެ ފޮޓޯ ހުންނަނީ ފަންސުރަކުން ކުރަހާފައި ވަރަށް އާދައިގެ ހެއްވާ ގޮތަކަށް" މޫސާ މަނިކު ވިދާޅުވިއެވެ.
މާލެއަށް އަންނަމުންދާ ބޮޑު ބަދަލާއެކު ރާއްޖޭގެ ހުރިހާ ރަށަކަށްވެސް އެކަމުގެ އިޤްތިސާދީ ފައިދާތައް އިތުރަށް ފުޅާވެގެންދާނެކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.