ޚަބަރު

އިމާމުކަމަކީ ވަޒީފާއެއް ނޫން، އެއީ މަސްޢޫލިއްޔަތެއް - އިސްލާމިކް މިނިސްޓަރ


ޚާތިބުކަމާއި އިމާމުކަމަކީ ވަޒީފާއެއް ނޫންކަމަށާއި އެއީ އިސްލާމީ ރިސާލަތު ބެލެހެއްޓުމަށް އިމާމުންގެ ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާއެއްކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

ޚަޠީބުންނާއި އިމާމުންގެ ފެންވަރު މަތިކޮށް މަޢުލޫމާތު ތާޒާކުރުމާއި އިދާރީގޮތުން ދިމާވާ އެކި މައްސަލަތައް ޙައްލުކުރާނެ ގޮތް އޮޅުންފިލުވައިދިނުމުގެ މަޤުޞަދުގައި އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ޚަޠީބުންނާއި އިމާމުން ތާޒާކުރުމުގެ ބައްދަލުވުން ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދް ޒިޔާދު ވިދާޅުވީ އިމާމުކަމަކީ ހަމައެކަނި ވަޒީފާއެއްކަމުގައި ދެކިގެން މަސައްކަތްކޮށްގެން ނުވާނެކަމަށާއި އިމާމުން ކުރާ މަސައްކަތަކީ އިސްލާމީ ރިސާލަތު ބިނާކުރަން ކުރާ މަސައްކަތަކަށް ހަދަންޖެހޭކަމަށެވެ.

"މިސްކިތުގެ އިމާމުކަން ތިކުރައްވަނީ ވަޒީފާއެއް ކުރައްވަން ކަމުގައިވާނަމަ އެޚިޔާލު ދޫކޮށްލައްވާ. ވަޒީފާއެއް ނޫންތީ. އިސްލާމީ ރިސާލަތު ތި އުފުއްލަވަނީ. ބައެއް އިސްލާމީ ޤައުމުތަކުގައި އިމާމުންނަށް ނޯވޭ މުސާރައެއް. އެހެންނަމަވެސް މިއަދު ދައުލަތުން އިރާދަކުރެއްވިއްޔާ ރަނގަޅު ހެޔޮ ބަދަލުތަކެއް އައިސް މިހާރަށްވުރެ ރަނގަޅު ބަދަލުތަކެއް ﷲ މިންވަރުކުރައްވާނެ." އިމާމުންނަށާ މުޚާތަބުކުރައްވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

ޚަތީބުންނާއި އިމާމުން ތާޒާކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމަކީ މިފަދަ 11 ވަނަ ބައްދަލުވުމުވެ. ދެދުވަހުގެ މުއްދަތަކަށް ބާއްވާ މި ބައްދަލުވުމުގައި ފ. އަތޮޅާއި ދ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅުގެ 92 އިމާމުންނާއި ޚަތީބުން ބައިވެރިވެއެވެ. މި ޕްރޮގްރާމްގައި މިހާތަނަށް ތަމްރީނުކުރި ބައިވެރިންގެ ޢަދަދު 555 އަށް އަރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިމަހުތެރޭގައި ށ. އަދި ރ. އަތޮޅުގެ ޚަތީބުންނާ އިމާމުން ތަމްރީނުކުރެވޭނެ. މި ވޯކްޝޮޕް މިމަހުގެ 10 އަކުން 13 އަށް ބޭއްވުމަށް އަޅުގަނޑުމެން ރާވާފައިމިވަނީ." އިސްލާމިކް މިނިސްޓަރގެ ނާއިބު ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިންނަށް މަޢުލޫމާތުދިނުމުގެ އިތުރުން ޚުތުބާކިއުމާއި ދިވެހި ބަސް ކިޔާ ހުށަހެޅުމުގެ ހުނަރު ދަސްކޮށްދެއެވެ.