ޚަބަރު

"ނަޞާރާ ދީން ފެތުރި މީހުންނާ އެއްސަފެއްގަ ޢިލްމްވެރިން މަސައްކަތް ކުރުމަކީ ޤައުމަށްދެވޭ އެންމެ ބޮޑު އަނިޔާ"


އިދިކޮޅު ކޯލިޝަނުގައި ތިބި ދީނީ ޢިލްމުވެރިން މިއަދު މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި ނަޞާރާދީން ފަތުރަން މަސައްކަތްކުރި މީހުންނާ އެއްސަފެއްގައި ކަމަށާއި، އެއީ ޤައުމަށް ދެވޭނެ އެންމެ ބޮޑު އަނިޔާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންގ މޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް އޮތް ތާއީދު އިތުރު ކުރެއްވުމަށް ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމް ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގައި ތިބި ބައެއް ދީނީ ޢިލްމްވެރިން މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖޭގައި ނަޞާރާދީން ފަތުރަން މަސައްކަތްކުރި މައްސަލައިގަ ރާއްޖެ ނާދެވޭގޮތަށް ޑީޕޯޓްކޮށްފައިވާ، އިނގިރޭސި ރައްޔިތެއްކަމަށްވާ ހާޑިންގްހަމާއި އެއް ސަފެއްގައި، އެކަކަށް ކެމްޕެއިން ކޮށްދިނުމަށެވެ.

"އެބޭފުޅުން މިއަދު އެ މަސައްކަތް ކުރައްވަނީ. ހާޑިންގްހަމްއާ އެއް ސަފެއްގައި. ދިވެހިރާއްޖޭގައި ނަޞާރާދީން ފަތުރަން މަސައްކަތްކުރި މީހުންނާއެއްކޮށް އެކަކަށް އެމީހުން އެ ކެމްޕެއިން ކޮށްދެނީ. އެއަށްވުރެ ބޮޑު އަނިޔާއެއް ދިވެހި ޤައުމު ނުދެކޭނެ. އެއީ އެއްމެބޮޑު އަނިޔާ ދިވެހި ޤައުމަށްދެވޭ" ޑރ.ޝަހީމް ވިދާޅުވިއެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކާއެކު ޙަރަކާތްތެރިވަމުންދާ ދީނީ ޢިލްމުވެރިންނަށް އިޝާރާތް ކުރައްވާ ޑރ. ޝަހީމް ވަނީ، އެބޭފުޅުން މާތްﷲ އަށް ބިރުވެތިވުމަށް ގޮވާލައްވާފައެވެ. އެގޮތުން މީސްތަކުންގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ނުކުރުމަށާއި ހައްޤުމަގަށް އެނބުރި ރުޖޫޢަވެ، އިސްލާމް ދީނުގެ އަދާވަތްތެރި ބާރުތަކަށް ދިވެހިރާއްޖޭގައި އިތުރު ބާރުވެރިކަން ލިބޭ ގޮތަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބައްޓަން ކުރުމަށް ބައެއް ފަރާތްތަކުން ކުރަމުންދާ މަސައްކަތުގައި ބައިވެރިނުވުމަށް ޑރ. ޝަހީމް އެދިވަޑައިގަތެވެ.

ނޮޅިވަރަމްގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ. ޝަހީމް ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ކޯލިޝަން ސަރުކާރެއް ޤާއިމްކުރުމުގެ ވާހަކަ ދައްކާއިރު، އިންތިޚާބުގެ ކުރިންވެސް މިހާރު ހަދާފައިވާ ކޯލިޝަންގެ ތެރޭގައި ޚިޔާލުތަފާތުވުން އުޅޭކަން ރައްޔިތުންނަށް ފެންނާނެކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި އިދިކޮޅު ކޯލިޝަނަކީ ގުޅިގެން ސަރުކާރެއް ހިންގުމުގެ ޤާބިލްކަން ނެތް ކޯލިޝަނެއްކަން ދިވެހި ރައްޔިތުންނަށް މާޒީގައި ފެނިފައިވާނެކަންވެސް ޑރ. ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.

"ކޯލިޝަން ސަރުކާރުތަކަކީ ކާމިޔާބު ނޫން ސަރުކާރުތަކެކޭ ބުނަނީ ކޯލިޝަން ސަރުކާރު ތަކުން ވަޒީފާ ލިބިފައި ތިބި މީހުންނޭ. ރަނގަޅު ވާހަކައެއް. ކޯލިޝަން ސަރުކާރު ތަކުން ވަޒީފާ ލިބި އެކޯލިޝަން ސަރުކާރުތަކުން އެ ބޭފުޅުން އެ ބޭފުޅުންގެ ޕްރެޝަރަށް ނުކުމެ ތިބި ބައެއް އަޅުގަނޑުމެންނަކީ. މިހާރު ކޯލިޝަން ނުރޫޅޭކަމަށް ބުނާ އެމީހުންނަކީ އެއީ އެއްމެ ފުރަތަމަ ކޯލިޝަން ރޫޅާލާނެ މީހުން. އެމީހުން ކޯލިޝަން ރޫޅާލާކަށް މާގިނަ ދުވަހެއްވެސް ނުވާނެ." ތަކުރާރުކޮށް ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވަނީ ނޮޅިވަރަމްގައި ޕީޕީއެމްގެ ދެ ޖަގަހަ ހުޅުވައިދެއްވާ އެރަށުގެ ގޭގެއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ރައްޔިތުންގެ އިހްސާސްތައް އަޑު އައްސަވާފައެވެ. ޑރ. ޝަހީމާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމަށް ނޮޅިވަރަމުން ވަނީ ހޫނު މަރުޚާއެއް ދަންނަވާފައެވެ.