ޚަބަރު

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުން މަތީ ދަރަޖަ ހޯދި 400 ދަރިވަރުންނަށް އިނާމު ދީފި


ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން މިދިޔަ އަހަރު މަތީ ދަރަޖަ ހޯދި 400 އަށް ވުރެ ގިނަ ދަރިވަރުންނަށް އިނާމު ދީފިއެވެ.

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސުކޫލްގެ 2017 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ބެލެނިވެރިންގެ ޙައިޞިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ހަގު ދަރިކަލުން ކިޔަވަނީ ޣިޔާސުއްދީން ސްކޫލްގައެވެ.

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ 2017 ވަނަ އަހަރުގެ އިނާމުދިނުމުގެ ޖަލްސާގައި ގްރޭޑް 5 އާ 10 އަކާ ދެމެދުގެ ގްރޭޑްތަކުގެ ދަރިވަރުންގެ ތެރެއިން މަތީ ދަރަޖަ ހޯދި 407 ދަރިވަރުންނަށް ވަނީ އިނާމު ދީފައިވެއެވެ. އެގޮތުން އެކި މާއްދާތަކުން މެރިޓް ސެޓްފިކެޓް ހޯދި ދަރިވަރުންނާއި، އެކްޓިވިޓީ މާއްދާތަކުން 75 އިންސައްތަ ހޯދާފައިވާ ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްފައިވާއިރު، ސްކޫލް ފެންވަރުގައާއި ޤައުމީ އަދި ބައިނަލްޢަޤްވާމީ ފެންވަރުގެ މުބާރާތްތަކުން 1 ވަނަ ޙާޞިލްކޮށްފައިވާ ދަރިވަރުންނަށްވެސް ވަނީ އެވޯޑް ހަވާލުކޮށްފައެވެ. މީގެއިތުރުން ވަކި ވަކި މާއްދާތަކުން އެންމެ މަތިން މާރކްސް ހޯދާފައިވާ ދަރިވަރުންނަށް އެވޯޑް ދީފައިވާއިރު، މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނާއި އޯލެވެލް ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށްވެސް ވަނީ އެވޯޑް ހަވާލުކޮށްފައެވެ. އަދި އޯލެވެލް އިންތިހާނުން ދުނިޔޭގެ އެންމެ މޮޅު ދަރިވަރުންނަށް ހޮވުނު އެސްކޫލްގެ 3 ދަރިވަރުންނަށްވެސް ވަނީ ޚާއްޞަ އެވޯޑެއް ދީފައެވެ. މި އެވޯޑް ލިބުނު ދަރިވަރުންނަކީ މުޝާހިދު ރަޝީދު، ފާޠިމަތު ފަނަން ނިޒާމް އަދި އިޔާދު އަޙްމަދު ރައިޙާން ޝާޙްއެވެ.

މި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންދިވެހި ބަހަށް ޚިދުމަތް ކުރައްވަމުންގެންދަވާ މުޙައްމަދު މުސްޠަފާ ޙުސައިން ވަނީ ދިވެހި ބަހާއި ދިވެހިންގެ ސަޤާފަތާއި އާދަކާދަ ދިރުވާ އާލާ ކުރުމަށް ދަރިވަރުންނަށް ގޮވާލާފައެވެ. އަދި ބަސްކުރިއަރުވަން ކުރެވިދާނެ ކަންތައްތަކާއި އޭގެ މުހިއްމުކަމުގެ މައްޗަށްވެސް ވަނީ ވާހަކަދައްކާފައެވެ.

ގްރޭޑް 5 އާ 10 އަކާ ދެމެދުގެ ގްރޭޑްތަކުގެ ދަރިވަރުންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މީގެ ކުރިން އެސްކޫލުން ވަނީ ގްރޭޑް 1 އާ 4 އަކާ ދެމެދުގެ ގްރޭޑްތަކަށް އިނާމުދިނުމުގެ ރަސްމިއްޔާތު ބާއްވާފައެވެ.