ޚަބަރު

ބްރެކްސިޓް ޕްލޭނުގައި ދުލެއް ނުދޭނަން- ތެރީސާ މޭ


ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމުގައި އެ ޤައުމާއި ވިލާތުގެ އިއްތިހާދާ ދެމެދު ޤާއިމުކުރާ ޕްލޭން އެކުލަވާލުމުގައި އެއްވެސް ދުލެއް ނުދެއްވާނެކަމަށް އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވެއްޖެއެވެ.

މޭ މިހެން ވިދާޅުވެފައިވަނީ ވެރިކަން ކުރާ ޕާޓީގެ ތެރޭގައި ހިމެނޭ މޭއާ ދެކޮޅު މެމްބަރުންގެ އަމިއްލަ ހުށަހެޅުމެއް ޢާއްމުކުރުމަށް ތައްޔާރުވަމުންދާކަމަށް މީޑިއާއިން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ. އިނގިރޭސިވިލާތުގެ ސަންޑޭ ޓެލެގްރާފްގައި ލިޔުއްވި މަޒުމޫނެއްގައި މޭ ވިދާޅުވެފައިވަނީ، އިނގިރޭސިވިލާތުގެ މަސްލަހަތު ނެތް ޕްލޭންތައް ޤަބޫލުކުރުމަށް އޭނާއަަށް ކުރިމަތިކުރާ ފިއްތުންތަކަށް ބޯނުލަނބާނެކަމަށެވެ.

އަދި ކުރިއަށް އޮތީ، އިނގިރޭސިވިލާތުގެ މުސްތަޤުބަލު ބައްޓަންކުރުމުގައި ވަރަށް މުހިއްމު ދުވަސްތަކެއް ކަމަށާއި، މިކަމުގެ މަޤްޞަދު އެކަމަނާއަށް އަށް ވިސްނިވަޑައިގަންނަވާ ކަމަށް، އެ މަޒުމޫނުގައި ލިޔުއްވާފައިވެއެވެ.

2019 ވަނަ އަހަރުގެ މާރޗް މަހުގެ 29 ވަނަ ދުވަހުގެ ކުރިން އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދުން ވަކިވާނެކަމަށް ބުނެފައިވާއިރު، މިކަމުގައި އިނގިރޭސިވިލާތާ ވިލާތުގެ އިއްތިހާދުން ކުރިއަށްގެންދާ މަޝްވަރާތަކުގައި ފާހަގަކޮށްލެވޭ ކުރިއެރުމެއް އަދި ހޯދިފައެއް ނުވެއެވެ.