"ރައްޔިތުން ސިނަމާލެ ބުރިޖު ވެދުމާދިއުން" ހަރަކާތުގައި 85 ހާހަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެއެވެ.
ބުރިޖުގެ މައިގޭޓްވޭ ސަރަޙައްދުގައި "ރައްޔިތުން ސިނަމާލޭ ބުރިޖް ވެދުމާދިއުން" ނަމުގައި ބޭއްވި ޙާއްސަ ހަރަކާތް ޝަރަފުވެރިކޮށްދެއްވާ، ހަރަކާތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްއެވެ. އެގޮތުން އެކަމަނާ ވަނީ މި ހަރަކާތް ފެށްޓެވުމުގެ ގޮތުން ކުރިއަށްގެންދިޔަ ޙާއްސަ ދުޢާގައި ބައިވެރިވެވަޑައިގަތުމަށްފަހު، ގިނަ އަދަދެއްގެ ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއެކު ބުރިޖު މެއިން ގޭޓްވޭ ހުރަސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އޮފީހާއި ރައީސް ޔާމީން ކެންޕެއިން އޮފީހާއި ޒުވާނުން އިސްނަގައިގެން ޤައުމީ ހަރަކާތެއްގެ ގޮތުގައި އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ހިނގާލުމުގައި ގިނަ އަދަދެއްގެ އާއްމުން ބައިވެރިވިއެވެ. މިގޮތުން 85 ހާހަށްވުރެ ގިނަ މީހުން މިހަރަކާތުގައި ބައިވެރިވިއިރު ސަރުކާރާއި ދަޢުލަތުގެ އިސްވެރިންނާއި އެކި އުމުރު ފުރައިގެ ޢާއްމުން ބައިވެރިވިއެވެ.
މި ހިނގާލުމުގެ ތެރެއިން ރާއްޖޭގެ ހުރިހާ އަތޮޅެއް ތަމްޞީލުވާނެހެން ގިނަ އަދަދެއްގެ އާއްމުން ބައިވެރިވެފައިވާއިރު، ބައެއް ރަށްރަށުން ސާގާފީ ހުށަހެޅުންތައްވެސް ހުށަހެޅުން ކުރިއަށްދިޔައެވެ.
ދިވެހިންގެ ހުވަފެންތަކާއި ގުޅިފައިވާ މި އުއްމީދީ ބްރިޖު ހުރަސްކޮށް ހިނގާލުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް އާއްމުންނަށް ދީފައިވާއިރު، އާއްމުން މިކަން ބަލައިގެންފައިވަނީ ވަރަށްވެސް ޝުކުރުވެރި ހިތްތަކަކާއެކުކަން އެމީހުން ފާހަގަކުރިއެވެ.
ސިނަމާލޭ ބްރިޖުގައި ހިނގާލުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް އާއްމުންނަށްދީފައިވާއިރު، އާއްމު ދަތުރުފަތުރު ކުރުމަށް ބްރިޖް ރަސްމީކޮށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 ވާ ހުކުރު ދުވަހުއެވެ. އެއަށްފަހު އާއްމު ދަތުރުފަތުރަށް ބުރިޖް ބޭނުންކުރަން ފެށުމުގެ ކުރިން ސަރުކާރުން އަންނަނީ ބްރިޖު ސަރަޙައްދުގައި ތަފާތު އެކި ހަރަކާތްތައް ހިންގަމުންނެވެ. މިގޮތުން ކައިވެނި ހަފްލާތަކާއި ގްރެޖުއޭޝަން ސެރަމަނީތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.