ޚަބަރު

މިއަހަރުގެ ލާމު ޓާރޓަލް ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލައިފި


ވެލާ ކަހަނބުގެ ނަސްލު ހިމާޔަތްކުރުމަށް ލ. އަތޮޅުގެ އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ ލާމު ޓާރޓަލް ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ފަހަރުގެ ލާމު ޓާރޓަލް ފެސްޓިވަލް ބާއްވާފައިވަނީ ލ. މާބައިދޫގައެވެ. މި ހަރަކާތް އިންތިޒާމުކޮށްފައިވަނީ ސިކްސް ސެންސަސް ލާމު ރިސޯޓާއި، ދިރާގާއި، އޮލިވް ރިޑްލީ ޕްރޮޖެކްޓާއި، މަންޓާ ޓްރަސްޓާއި، ބްލޫ މެރިން ފައުންޑޭޝަންގެ ފާރާތުންނެވެ. ވެލަޔާއި ކަހަނބު ހިމާޔަތްކުރުމަށް ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ލ. އަތޮޅުގައި ކުރިއަށްގެންދިޔަ ހަރަކާތް ކާމިޔާބުކަމަށް މިކަން އިންތިޒާމުކުރި ފަރާތްތަކުން ބުނެއެވެ.

ފެސްޓިވަލް އިންތިޒާމްކުރި ސިކްސް ސެންސަސް ލާމުގެ ފަރާތުން ބުނީ ކޮންމެ އަހަރަކު ބާއްވާ މިފެސްޓިވަލްގެ ސަބަބުން ލާމުގެ އަތޮޅު ރަށްތަކުގެ އާންމުންގެ މެދުގައި ތިމާވެށި ހިމާޔަތްކުރުމާއި، ދިރޭ ތަކެތީގެ ނަސްލު ދެމެހްޓުމަށް ބާރުއެޅުމަށް މަގުފަހިވެގެންދާކަމަށެވެ.

"މިއީ މިފެސްޓިވަލް ބޭއްވޭ ތިންވަނަ ފަހަރު. މިފަހަރުގެ ފެސްޓިވަލަށް މިދިޔަ ފަހަރަށްވުރެއްވެސް ބޮޑު ތަރުހީބެއް ލިބިފައިވަނީ. ފެސްޓިވަލް މެދުވެރިކޮށް އަޅުގަނޑުމެންގެ ސްޕޮންސަރުން އަދި ޕާޓްނަރުން މިތަނަށް ޒިޔާރަތްކުރާ މީހުންނަށް ވެލާ ކަހަނބު ހިމާޔަތްކުރުމަށް ކުރަންވާ ކަންތައްތަކުގެ މައުލޫމާތު ދޭނެ. އުންމީދަކީ ކުރިޔަށް އޮތް އަހަރުތަކުގައި މިފެސްޓިވަލް މިއަށްވުރެއްވެސް ފުޅާކޮށް ކުރިޔަށް ގެނދިއުން." ސިކްސް ސެންސަސް ލާމުގެ މެރިން ބަޔޮލޮޖިސްޓް މޭގަން އޯލްބާން ވިދާޅުވިއެވެ.

މިފެސްޓިވަލްގެ ޝަރަފްވެރި މެހެމާނެއް ގޮތުން ބައިވެރިވެފައިވަނީ ރާއްޖޭގެ ފުރަތަމަ އަންހެން ފަޑީ ކޯސް ޑިރެކްޓަރ ފާތިމަތު ޒޫނާއެވެ. މި ފެސްޓިވަލާބެހޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޒޫނާ ވިދާޅުވީ ކަނޑުގެ ދިރޭތަކެތީގެ ނަސްލު ދެމެހެއްޓުމަކީ ހުރިހާ އެންމެންގެ ޒިންމާއެއްކަމަށާއި، މި ޒިންމާ އަދާކުރުމުގައި މުޅި މުޖުތަމައު ބައިވެރިވާންޖެހޭކަމަށެވެ.

"އާންމުކޮށް ކުޑަކުދިންގެ މެދުގަިއ ސްކޫލްތަކުގައި ހިންގާ ޕްރޮގްރާމްތަކުގެ ސަބަބުން ދިރޭ ތަކެތި ހިމާޔަތްކުރުމާ، ތިމާވެށި ހިމާޔަތްކުރުމަށް ހޭލުންތެރިކަން އިތުރުވެފައިވަނީ. އެކަމަކު ބޮޑެތި މީހުންގެ މެދުގައި މިކަމުގެ ހޭލުންތެރިކަން ކުޑަ. ކަނޑުތަކުގެ ދިރުން ހިމާޔަތްކުރުމަށް މީހުންގެ ހިތްތަކުގައި ލޯބިޖެއްސުމަށް ކަނޑުއަޑީގެ މަންޒަރުތައް ބަލާލުމަކީ ވަރަށް މުހިންމުކަމެއް" އޭނާ ވިދާޅުވިއެވެ.

ލ. މާބައިދޫ ކައުންސިލްގެ ރައީސް ޢަލީ ފައިސަލް ވިދާޅުވީ މިއީ އާންމުން ހޭލުންތެރިކުރުވުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއަށްވެސް މުހިންމު އިވެންޓެއްކަމަށެވެ.

"މިއީ ހަމައެކަނި އާންމުން ހޭލުންތެރިކުރުވުމަށް މުހިންމު ހަރަކާތެއް ނޫން. މިރަށުގައިވެސް ފަތުރުވެރިކަން އިތުރަށް ފުޅާކުރަން އުޅޭއިރު މިފަދަ ހަރަކާތެއްގެ ސަބަބުން މިކަމަށްވެސް މަގުފަިހިވެގެން ދާނެ." ޢަލީ ފައިސަލް ވިދާޅުވިއެވެ.

ޓާރޓަލް ފެސްޓިވަލްގައި ލ. އަތޮޅުގެ 11 ރަށެއްގެ 13 ސްކޫލަކުން ބައިވެރިވެފައިވެއެވެ. މިފެސްޓިވަލް މިއަހަރު މާބައިދޫގައި ބާއްވާފައިވާއިރު، އަންނަ އަހަރުވެސް މިފަހަރަށްވުރެ ކުލަގަދަކޮށް މި ފެސްޓިވަލް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށް ސިކްސް ސެންސަސް ލާމުން މައުލޫމަތުދެއެވެ.