ޚަބަރު

އެމްޑީޕީން ދަނީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް މަސައްކަތްކުރަމުން- ނިހާން


ދިވެހި ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަށް އޮޅުވާލުމަކީ އެމްޑީޕީން ކުރަމުންދާ ވަރަށް ނުބައި، ޝައިޠާނީ އަމަލުތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު، އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުޞައިން މަނިކު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުޞައިން މަނިކު ވިދާޅުވީ، ރައްޔިތުންނަށް އޮޅުވާލައި ފިތުނު އުފެއްދުމަކީ އެމްޑީޕީގެ ފަލްސަފާއެއް ކަމަށާއި އެކަން ކުރުމަކީ ޝައިޠާނީ އަމަލެއް ކަމަށެވެ. އަދި އެކަން ކުރަނީ ރައްޔިތުން މަގުފުރެއްދުމަށް ކަމަށް ނިހާން ވިދާޅުވިއެވެ.

"މިހާ ބޮޑެތި ދޮގު. މިހާ ބޮޑެތި ފިތުނަ ދިވެހި ރައްޔިތުންނަށް ގެނެސްދިނުމަކީ. ޒަމާނުއްސުރެ ދިވެހި ރައްޔިތުން އަތުން އެމްޑީޕީ ފިކުރުން ވައްކަންކޮށް. ރައްޔިތުންނަށް އޮޅުވާލާ. ރައްޔިތުން މަގު ފުރެއްދުމަށް އެމްޑީޕީން ކުރަމުންދާ ވަރަށް ނުބައި ޝައިޠާނީ އަމަލުތަކުގެ ތެރެއިން ހިމެނޭ ކަމެއް." ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ރައީސް ޔާމީން ރާއްޖޭގައި ޤާއިމްކޮށްދެއްވި ސިނަމާލެ ބްރިޖާއި ދުބާއީގައި އަޅަމުން އަންނަ ބްރިޖަކާއި ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ހަޤީގަތެއް ނެތް ދޮގު ވާހަކަތަކުގެ ތެދު ދޮގު ދުބާއީ ބުރިޖުގެ ނަން ޖަހާފައި ގޫގުލް ކޮށްލުމުން ހާމަވެގެންދާނެ ކަމަށެވެ. އެގޮތުން 13 ކިލޯމީޓަރުގެ ދިގު ދުބާއީގެ ޝިންދަހާ ބުރިޖް ޕްރޮޖެކްޓުގެ ޖުމްލަ އަގަކީ 1.75 ބިލިއަން ޑޮލަރުކަމަށް ނިހާން ވިދާޅުވިއެވެ. އަދި 107 މިލިއަން ޑޮލަރު ހަރަދު ކުރަނީ އެ ބުރިޖުގެ 295 މީޓަރުގެ ކުޑަ ތަންކޮޅަކަށްކަން ނިހާން ފާހަގަކުރެއްވިއެވެ.

"ދާދި ފަހުން ދުބާއީގައި ހުޅުވިގެންދިޔަ ޕްރޮޖެކްޓެއް އެއީ ސިންދާ ޕްރޮޖެކްޓް. އެއީ ކޮރިޑޯ ޕްރޮޖެކްޓެއް ގޮތުގައި ހިންގާ 13 ކިލޯ މިޓަރުގެ ދިގު މާސިންގާ ބްރިޖަކަށް ޚަރަދު ވަނީ އެއްމެ 107 މިލިއަން ޑޮލަރޭ ބުނެ. މިވާހަކަ އޮޅުވާލަމުންދަނީ. އަޅުގަނޑު އެއްމެހާ ލޮބުވެތި ރައްޔިތުން ކުރެން ކުޑަކޮށް ގޫގްލް ކޮށްލެއްވީމަ އެކަން އޮޅުން ފިލާނެ." ނިހާން ވިދާޅުވިއެވެ.

ނިހާން މިހެން ވިދާޅުވިއިރު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޒައާމަތުގައި ގެނެސްދެއްވި ސިނަމާލެ ބްރިޖް، ކުލަގަދަ ރަސްމިއްޔާތެއްގައި ހުޅުވާފައިވާއިރު، އެ ބުރިޖުގެ މިލްކުވެރިކަން ހޯއްދެވުމަށް އިދިކޮޅު ލީޑަރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ.