ޚަބަރު

ވިންޓަރ ދަތުރުތަކަށް އެއަރޕޯޓް އޮތީ ތައްޔާރަށް - އެމްއޭސީއެލް


މިއަހަރުގެ ވިންޓަރ ސީޒަނާ ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ލަފާކުރެވޭތީ، ޑިމާންޑާ އެއްވަރަށް ފުރިހަމަ ޚިދުމަތްތަކެއް ދިނުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތައްޔާރަށް އޮތްކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.

ވިންޓަރ ސީޒަނަށް ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު މީޑިއާއާ ހިއްސާކުރައްވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ ފްލައިޓް ޕާކިންގ އޭރިއާ އިތުރުކުރުމަށް ހަދާ އީސްޓް އޭޕްރަންގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާއިރު، ވެސްޓް އޭޕްރަންގެ މަސައްކަތް އަންނަ އޮކްޓޯބަރުމަހު ނިމޭނެކަމަށެވެ. އަދި ސީޒަނަށް އިތުރު ފްލައިޓްތަކަށް ރާއްޖެއައުމަށް ހުއްދަ ދީފައިވާނީ މި އޭޕްރަންތައް ބޭނުންކުރެވޭގޮތަށްކަަމަށްވެސް އޭނާ ވިދާޅުވިއެވެ. އަލަށް ތަރައްޤީކުރާ ވެސްޓް އޭޕްރަންއަކީ 80،000 އަކަމީޓަރުގެ އޭޕްރަންއެކެވެ. އަދި މި އޭޕްރަންގައި 21 މަދިންދާ ބޯޓް އެއްފަހަރާ ޕާކް ކުރެވޭނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އެއަރޕޯޓްގައި މިހާރު ބޭނުންކުރަމުންދަނީ 50،000 އަކަ މީޓަރުގެ އޭޕްރަންއެކެވެ.

މީގެއިތުރުން ޗެކިން ކުރުމުގެ ޚިދުމަތް އަވަސްކުރުމަށް އެއަރޕޯޓްގައި އަލަށްހަދާ 10 ޗެކިންގ ކައުންޓަރުގެ މަސައްކަތްވެސް، ވިންޓަރ ސީޒަނަށް ރާއްޖެ އަންނަ ފަރުވެރިން އައުމުގެ ކުރިން ނިންމާލެވޭނެކަމަށް ޢާދިލް މޫސާ ވިދާޅުވިއެވެ. މިއާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބޭނުންކުރާ ޗެކިން ކައުންޓަރުގެ އަދަދު 44 އަށް އިތުރުވާނެއެވެ.

"ވިންޓަރ ސީޒަނާ ދިމާކޮށް އިތުރު އެއަރލައންތަކުގެ ދަތުރުތައް ފަށާނަން. އަދި ބައެއް އެއަރލައިންތަކުގެ ދަތުރުތައްވެސް އިތުރުވާނެ. މިދިޔަ ސީޒަނަށްވުރެ މި ސީޒަންގައި މީހުން އަންނަވަރު އިތުރުވާނެ. އެހެންކަމުން ޚިދުމަތް އަވަސްކުރުމަށް އަލަށް ހަދާ 10 ޗެކިންގ ކައުންޓަރުތަކުގެ މަސައްކަތް ނިންމައި މި ދުވަސްވަރަށް ޚިދުމަތް ފަށާނަން." އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފުޅާކޮށް، 7 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ބޮޑު މަޝްރޫއެއް ފަށާފައިވާއިރު، މި މަޝްރޫޢުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.