ޚަބަރު

އިދްލީބުން ޓެރަރިސްޓުންގެ ބާރު ކަނޑުވާލުމަކީ ޤައުމީ ޒިންމާއެއް: ސޫރިޔާ


ސޫރިޔާގެ ހުޅަނގު އުތުރުގެ އިދްލިބްގައި ހަރަކާތްތެރިވަމުންދާ ޓެރަރިސްޓް ޖަމާޢަތްތައް ނައްތާލުމަކީ އެ ޤައުމުގެ ސަރުކާރަށް އޮތް ޤައުމީ ޒިންމާއެއްކަމަށް ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިދްލިބްގައި ހަރަކާތްތެރިވާ އައި.އެސް ޖަމާޢަތަށް ނިސްބަތްވާ ހަނގުރާމަވެރިންނާއި ނުސްރާ ފްރަންޓް ފަދަ ހަނގުރާމަވެރި ޖަމާޢަތްތަކާ ދެކޮޅަށް ހަމަލާދިނުމަކީ ސޫރިޔާގެ ސަރުކާރަށް ތާޢިދުކުރާ އަސްކަރީ ފަރާތްތަކުގެ އަސާސީ ޒިންމާއެއްކަމަށެވެ. އަދި އެ ފަރާތްތަކާ ދެކޮޅަށް ސޫރިޔާގެ އަސްކަރީ ފައުޖުތަކުން ހިންގަމުންދާ އޮޕަރޭޝަނަކީ ޓެރަރިސްޓް ޖަމާޢަތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އދގެ ސަލާމަތީ މަޖިލީހުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކެއް ކަމަށް އެ ބަޔާނުގައި ވެއެވެ.

ސޫރިޔާގެ ޚާރިޖީ ވުޒާރާއިން މިހެން ބުނެފައި މިވަނީ އިދްލިބްގައި ބޮޑު އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ސޫރިޔާގެ އަސްކަރީ ބާރުތަކުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އިދްލިބަކީ ސޫރިޔާގައި މިވަގުތު އެގައުމުގެ އިިދިކޮޅު ހަނގުރާމަވެރިންގެ އަތުގައި އޮތް އެންމެ ބޮޑު ސަރަހައްދެކެވެ. އެ ސަރަހައްދުގައި އެތައް ހާސް ބަޔަކު ދިރިއުޅެމުންދާ އިރު، މީގެ ތެރޭގައި ގިނައީ އިދިކޮޅު ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާތަކެވެ.