ބްރިޖާ ގުޅުވައިގެން މާލޭ ވަށައިގެން ތާރު އަޅައިގެން ތަރައްޤީކޮށްފައިވާ ރިންގު ރޯޑު އާއްމުންނަށް ހުޅުވާލާނީ ސެޕްޓެމްބަރުމަހުގެ 3 ވަނަދުވަހުން ފެށިގެންކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ހައުސިންގ މިނިސްޓްރީން ބުނީ ބްރިޖު ހުޅުވިނަމަވެސް، ރިންގް ރޯޑު ދަތުރުފަތުރުކުރުމަށް ހުޅުވާލާނީ އަންނަ ހޯމަދުވަހުކަމަށެވެ.
ޒަމާނީ ފެންވަރަކަށް ތަރައްޤީކުރާ ރިންގް ރޯޑްގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ ކުރީކޮޅުއެވެ. ރިންގް ރޯޑް ތަރައްޤީކުރަނީ 4 ލޭނަށް، ދެކޮޅަށް ދުއްވޭގޮތަށް އެންމެ ޒަމާނީ ފެންވަރަށެވެ.
މާލޭ ރިންގްރޯޑުގެ މަސައްކަތަކީ ސިނަމާލެ ބްރިޖްގެ މަސައްކަތާ ގުޅުވައިގެން ފެށި އެންމެ މުހިންމު އެއް މަސައްކަތެވެ.
ބޮޑުތަކުރުފާނު މަގު ތާރުއަޅައިގެން ޒަމާނީފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމީ، ބުރިޖު ހުޅުވާއިރު ބުރިޖަށް ވަދެވެން އޮންނަ ބޮޑު މަގަކީ ވީހާވެސް ތޮއްޖެހުން ކުޑަ ދުއްވަން ފަސޭހަ މަގެއްގެ ގޮތުގައި ހެދުމަށެވެ.