ޚަބަރު

ސިނަމާލެ ބުރިޖަކީ ބިނާކުރި ހަޤީގަތެއް، ނަނާ ހުވަފެނެއްނޫން - ޑރ.މުއިއްޒު


ހުޅުލެއާއި މާލޭ ގުޅުވާލައިދޭ ސިނަމާލެ ބްރިޖަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ރައްޔިތުންނަށް ދެއްކެވި ނަނާ ހުވަފެނެއް ނޫންކަމަށާ، އެއީ ބިނާކޮށްދެއްވި ހަޤީގަތެއްކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ މިޒަމާނުގެ ތަރައްޤީގެ މޭސްތިރިއަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްކަމަށެވެ.

"ސިނަމާލެ ބްރިޖް" ހުޅުވުމުގެ ތާރީޚީ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ، ދިރުމެއް ވާނަމަ އުއްމީދެއް އޮންނާނެ ވާހަކަ ރައީސް ޔާމީން އަބަދުވެސް ވިދާޅުވާ ކަމަށާއި މިއަދު މި ފެންނަމުންދަނީ އެކަން ޙަޤީޤަތަކަށް ހެއްދަވައިދެއްވި މަންޒަރު ކަމަށެވެ.

ސިނަމާލެ ބްރިޖަކީ ރައީސް ޔާމީނާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ދެބޭފުޅުންގެ ހަރުދަނާ ގުޅުމުގެ ނަތީޖާއެއްގެގޮތުން އުފެދުނު މަޝްރޫޢެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އެ ގުޅުން އުފެދުމުގެ ކުރީގައި އެއްވެސް އިރެއްގައި، މިކަމުގެ މަސައްކަތް ކުރެވިފައިނެތްކަމަށެވެ.

"މިއީ ދެ ރައީސުންގެ ގުޅުމުގެ ތެރެއިން އުފަންވި ބްރިޖެއް. އޭގެ ކުރީގެ އެއްވެސް އިރެއްގައި. އެއްވެސް ޒަމާނެއްގައި ކުރެވުނު ކަމަކުން މި ބްރިޖަށް މަގުފަހިކަމެއް އެއްވެސް ވަރަކަށް ލިބިފައި އޮތް ބްރިޖެއްނޫން. މި ހަޤީގަތް ބަދަލެއް ނުވާނެ. ރައީސް ޔާމީން ވަނީ މިދެރަށް ގުޅޭނެ ނަމަ ކިހާރަނގަޅުވީސްހޭ ހިތްޕުޅަށްއެރި ބައެއް ރައީސުން އެވިދާޅުވާ "ނަމަ" ފޮހެލައްވާ އެކަން ހަޤީގަތަކަށް ހައްދަވައިދެއްވާފަ"

މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ މުޢިއްޒުވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ފުޅާވެ ބިޔަ މަޝްރޫޢުތައް ހިނގަމުންދާމަންޒަރު މިހާރު ދިވެހި ރައްޔިތުންނަށް ފެންނަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ތާރީޚް ބަދަލުކޮށްލި އިންޤީލާބީ ބްރިޖްގެ މަންފާ، އެތައްދާއިރާއަކުން މުޅި ޤައުމާއި ރައްޔިތުންނަށް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޑރ.މުއިއްޒު ވިދާޅުވީ ހުޅުލެއާއި މާލެ ގުޅުވާލަދިން ސިނަމާލެ ބްރިޖް ފަދަ އެތަކެއް ބްރިޖްތައް ރާއްޖޭގައި އަޅަން ޖެހޭ ކަމަށެވެ. އަދި މާނަވީގޮތުން އަޅުގަނޑުމެންގެ ތެރޭގައި ޤާއިމުކުރަންޖެހޭ ބުރިޖުތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން ޒަމާނުންސުރެ ދިވެހިންގެ މެދުގައިއޮތް އަޚްވަންތަކަމާއި އެއްބަނޑުއެއްބަފާކަމާއި ޢާއިލީ ގުޅުންތައް ހީނަރުވަމުން އަންނަކަމުގެ މައްޗަށް އެމަނިކުފާނު އަލި އަޅުއްވާލެއްވިއެވެ. އަދި އެ ގުޅުންތައް އިތުރަށް ބަދަހިކުރުން އެއީ ބްރިޖްތަކުން ގުޅާލުން ކަމުގައި ޑރ.މުއިއްޒު ސިފަ ކުރެއްވިއެވެ.

"އެއީ އަޅުގަނޑުމެންގެ ދޭދޭ ގުޅުން ބަދަހި ކުރުމުގެ ބްރިޖް. އެއް މުސްލިމް އަޚަކާއި އަނެއް މުސްލިމްއަޚެއް އުޚުތެއްގެ ދެމެދުގައި އޮންނަންވީ އަޚްވަންތަ ކަމުގެ ބްރިޖް. ވެރިންނާއި ރައްޔިތުންނާއި ކޮންމެ ދެމީހެއްގެ ދެމެދުގައި އޮންނަންވީ އިންސާނީ ވަންތަ އޯގާވެރިކަމުގެ ބްރިޖް. އިޙްތިރާމްކުރުމާއި ކަމޭހިތުމުގެ ރީތިސިފަ. އަޅުގަނޑުހިތުން މިއީ މިއަދު އަޅުގަނޑުމެން ކޮންމެ ދިވެއްސަކު ފަރުދީ ފެންވަރުގައި އެމީހަކު އަމިއްލައަށް ޤާއިމްކުރަންވީ ބްރިޖްތަކެއް."

މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސް ޔާމީންގެ ޙިކުމަތުޢަމަލީ ދައްކަވައި ރައްޔިތުންގެ އުއްމީދު ތަކުގައި ހަޤީގީ ކުލަޖައްސައި ދެއްވާ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެއްވާފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ ހަތަރު އަހަރު ތެރޭ ރައީސް ޔާމީނާއި ދިވެހި ޤައުމަށް ކުރިމަތިވި ހުރިހާ ހަނގުރާމައެއްގެ ތެރޭގައި ޒަޚަމްވެ ވަޑައިގެންވެސް އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުން އެދޭފަދަ ތަރައްޤީއެއް ޤައުމަށް ގެނެސްދެއްވަންކަމަށްވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.