ޚަބަރު

ކޮންމެ ޙާލަތެއްގައިވެސް ރާއްޖޭގެ ގާތް ބައިވެރިއެއްގެ ގޮތުގައި ޗައިނާ ދެމި އޮންނާނެ - ޗައިނާ ރައީސްގެ ޚާއްޞަ މަންދޫބު


ކޮންމެ ގޮތަކަށް ޙާލަތު ބަދަލުވެގެންދިޔަނަަވެސް ޗައިނާ އަބަދުވެސް ދިވެހި ރާއްޖޭގެ ގާތް ބައިވެރިއެއްގެ ގޮތުގައި އޮންނާނެ ކަމަށް ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ވަންގ ޝިއާއޮތާއޮ ވިދާޅުވެއްޖެއެވެ.

ސިނަމާލެ ބުރިޖު ހުޅުވުމަށް މިހާރު އާޓިފިޝިއަލް ބީޗުގައި ކުރިޔަށްދާ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ވަންގ ޝިއާއޮތާއޮ ވިދާޅުވީ، ޗައިނާއިން އަބަދުވެސް ރާއްޖެއާއި މެދު ބަހައްޓަމުންދަނީ ވަރަށް ގާތް ގުޅުމެއްކަމަށާއި، އަދި މިގޮތުގައި ޗައިނާ އަބަދުވެސް ދެމި އޮންނާނެކަމަށެވެ. ޗައިނާގެ ރައީސްގެ ޚާއްޞަ މަންދޫބެއްގެ ޙައިޞިއްޔަތުން މިޙަފުލާގައި ބައިވެރިވަޑައިގެންނެވި ވަންގ ޝިއާއޮތާއޯގެ ވާހަކަފުޅުގައި ސިނަމާލެ ބުރިޖު ސިފަކުރައްވާފައިވަނީ ދެޤައުމުގެ ގުޅުން އެހެން ހަރުފަތަކަށް ގެންގޮސްދޭނެ ރަމްޒެއްގެ ގޮތުގައެވެ. އަދި ޗައިނާއިން ރާއްޖޭގައި ކުރިޔަށްގެންދިޔަ ތަރައްޤީގެ މަޝްރޫޢުތަކަށް އަޅުއްވާލައްވާ ޝިއާއޮތާއޮ ވިދާޅުވީ މީގެ ސަބަބުން ދެޤައުމުގެ ގުޅުމުގެ އާ ބާބެއް ހުޅުވިގެން ހިނގައްޖެކަމަށެވެ.

އޭނާގެ ވާހަކަފުޅުގައި އިތުރަށް ސިނަމާލެ ބްރިޖު މަޝްރޫޢު ޙަޤީގަތަކަށް ވެގެން މިދިޔައީ ދެޤައުމުގެ ވެރިން މިކަމުގައި ގެންގުޅުއްވި ޙިކުމަތްތެރި ވިސްނުމުގެ ސަބަބުންކަން ފާހަގަކުރެއްވިއެވެ.