ޚަބަރު

މާލޭ ރިންގް ރޯޑްގައި ތާރުއަޅައި ނިމިއްޖެ


މާލޭ ރިންގް ރޯޑްގައި ތާރު އަޅައި ނިމިފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތާރުއެޅުމުގެ މަސައްކަތް ނިންމުމަށްފަހު މިހާރު ކުރަމުންދަނީ މަގުގައި ދެން ކުރަންހުރި ކުދިކުދި މަސައްކަތްތައްކަމަށެވެ. އެގޮތުން މަގުގައި ކުރަހަންޖެހޭ ނިޝާންތައް ކުރެހުމާއި، ލައިޓްތައް ޖެހުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. މާލޭ ރިންގް ރޯޑްގެ މަސައްކަތް އެއްކޮށް ނިންމައި ސެޕްޓެމްބަރު މަހުގެ 2 ނުވަތަ 3 ވަނަ ދުވަހު ޢާންމުންނަށް ހުޅުވާލާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކުރިން ވަނީ ވިދާޅުވެފައެވެ.

ޒަމާނީފެންވަރަށް ތަރައްޤީކުރާ ރިންގ ރޯޑްގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ ކުރީކޮޅުއެވެ. ރިންގ ރޯޑް ތަރައްޤީކުރަނީ 4 ލޭނަށް، ދެކޮޅަށް ދުއްވޭގޮތަށް އެންމެ ޒަމާނީ ފެންވަރަށެވެ. މާލޭ ރިންގރޯޑްގެ މަސައްކަތަކީ ސިނަމާލެ ބްރިޖްގެ މަސައްކަތާ ގުޅުވައިގެން ފެށި އެންމެ މުހިންމު އެއް މަސައްކަތެވެ.

ންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުންފެށިގެން، ހުޅުމާލެ ފެރީ ޓަރމިނަލްއާއި ހަމައަށް އޮންނަ ސަރަޙައްދުގައި ތާރުއަޅައި ވަނީ ނިންމާލާފައެވެ. ބޮޑުތަކުރުފާނު މަގު ތާރުއަޅައިގެން ޒަމާނީފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމީ، ބުރިޖު ހުޅުވާއިރު ބުރިޖަށް ވަދެވެން އޮންނަ ބޮޑު މަގަކީ ވީހާވެއް ތޮއްޖެހުން ކުޑަ ދުއްވަން ފަސޭހަ މަގެއްގެ ގޮތުގައި ހެދުމަށެވެ. އަދި ބުރިޖު މެދުވެރިކޮށް ޕަބްލިކް ޓްރާންސްޕޯޓްތައް ކުރުމަށް ހަމަޖެހިފައިވާއިރު، ރިންގް ރޯޑްތަރައްޤީކޮށްފައިވަނީ މިކަންކަމަށްވެސް ދަތި ނުވާނެ ގޮތަށެވެ.