ކުޅިވަރު

ބޭލްއަށް ޕްރެޝަރ ހޭންޑްލް ކުރެވޭނެ - ގިގްސް


ރެއާލް މެޑްރިޑުގައި ކުރިމަތިވަމުން އަންނަ ޕްރެޝަރު ގެރެތް ބޭލްއަށް ހޭންޑްލް ކުރެވޭނެ ކަމަށް ވޭލްސްގެ ކޯޗު ރަޔަން ގިގްސް ބުނެފިއެވެ.
ބޭލްގެ ދިފާއުގައި ގިގްސް ވާހަކަ ދެއްކީ ކްރިސްޓިއާނޯ ރޮނާލްޑޯ ކުލަބު ދޫކޮށްލުމުން އެ ޖާގަ ބޭލް އަށް ފުރިދާނެތޯ އުފައްދަމުން އަންނަ ސުވާލުތަކާހެދި އެވެ.

"ކޮންމެ ސީޒަނެއްގައި ވެސް އޭނާއަށް ޕްރެޝަރު ކުރިމަތިވޭ. މިހާތަނަށް އޭނާ ހުރީ ރަނގަޅު ފަހި ފުރުސަތުތަކެއް ލިބިފައެއްނޫން. މިއަހަރު މެޑްރިޑުގައި އޭނާއަށް މާބޮޑު ޕްރެޝަރެއް އެބައޮތް. އެއީ ރޮނާލްޑޯ ނެތުމުން. އެ ޕްރެޝަރު ފިލުވޭނީ ގޯލު ޖަހައިގެން. އަހަރެން ދެކޭ ގޮތުގައި އޭނާ މި ސީޒަން ފަށާފައިވަނީ ވަރަށް ރަނގަޅަށް،" ގިގްސް ބުންޏެވެ.

މި ސީޒަނުގައި މިހާތަނަށް ކުޅުނު ދެ މެޗުގައި ވެސް ބޭލް ވަނީ ގޯލު ޖަހާފައެވެ. ގިގްސް ބުނީ އުމުރުން 29 އަހަރުގެ ބޭލް މިހާރު ހުރީ ކުޅުންތެރިއަކު އެންމެ ފުރިހަމައަށް ކުޅެން އެންމެ ކަމުދާ އުމުރުގައި ކަމަށާއި، މިހާތަނަށް ލިބިފައިވާ ތަޖުރިބާއަކީ ބޭލްއަށް ޕްރެޝަރު ފިލުވާލަން ބޭނުން ކުރެވޭނެ ހަތިޔާރަކަށްވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.