މިރޭ ބާއްވާ ކުލަ ގަދަ ރަސްމިއްޔާތެއްގައި، ސިނަމާލޭ ބުރިޖު ހުޅުވާނެއެވެ.
މާލެއާއި ހުޅުލެއާއި ދެމެދު އަޅާފައިވާ ސިނަމާލޭ ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 08:30ގަ އާޓިފިޝަލް ބީޗް ސަރަޙައްދުގައެވެ. ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ބަޑިބޭހުގެ ކުޅިވަރުތަކާއެކު ބުރިޖު ހުޅުވަން މިރޭ ބާއްވާ ރަސްމިއްޔާތު ވެގެންދާނީ ކުލަ ގަދަ ބޮޑު ރަސްމިއްޔާތަކަށެވެ. މިހާރު ދަނީ ބުރިޖު ހުޅުވަން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. ސިނަމާލޭ ބުރިޖަކީ ރައީސް ޔާމީންގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ކަމެކެވެ. އަދި މިއީ ރާއްޖޭގައި މިހާތަނަށް ހިންގި އިންޖނިއަރިންގ އާއި އިންފްރާސްޓްރަކްޗަރގެ އެންމެ ބޮޑު މަޝްރޫއެވެ.
ބުރިޖު އެޅުމަށް ޖުމްލަ 200 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 70 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ. ބާކީ ބައި ޚަރަދުކޮށް ފައިވަނީ ސަރުކާރުގެ ބަޖެޓުންނެވެ.