ޚަބަރު

ބްރިޖު މަތީގައި ކުރުމަށް ހަމަޖެހިފައިވަނީ 5 ކައިވެނި- ހައުސިންގ މިނިސްޓްރީ


ސިނަމާލެ ބްރިޖުގެ މަތީގައި ކުރުމަށް ހަމަޖެހިފައިވަނީ ފަސް ކައިވެންޏެއް ކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓަރ މުއިއްޒު ވިދާޅުވީ، ބްރިޖު މަތީގައި ކުރާ ކައިވެނިތައް އޮންނާނީ ހުކުރު ދުވަހުގެ ހަވީރު ހަތަރަކުން ހަޔަކަށްކަމަށެވެ. އަދި ރޭގަނޑު ނުވައެއް ޖެހުމާ ހަމައަށް ފޮޓޯ ނެގުމުގެ ފުރުޞަތު ދޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ބްރިޖު މަތީގައި އަލަތު ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަޢުދެކެވެ.

ބްރިޖްމަތީގައި ކައިވެނިކުރާ ޒުވާނުންނަށް ބޭނުންވާ ޚަރަދުގެ ބައެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ކައިވެނި ހަފްލާގެ ސައިގެ ކަންތަކާއި ފޮޓޯނެގުމާއި ޑެކަރޭޝަނަށް ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުންނެވެ. މީގެ އިތުރުން ކައިވެނި ޙަފްލާއަށް ގިނަވެގެން 50 މީހުންނަށް ދައުވަތު ދެވޭނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ބްރިޖްމަތީގައި ބާއްވާ ކައިވެނި ހަފްލާތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 5 ތީމަކަށެވެ. އެއީ މޯލްޑިވިއަން، ޗައިނީޒް، ފްލޯރަލް، ސަންސެޓް އަދި ވިންޓޭޖް ތީމެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ހުޅުވުމާއެކު ބްރިޖް މަތީގައި ކައިވެނިކުރަންބޭނުންވާ ޒުވާނުންނަށް އެފުރުޞަތު ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ވިދާޅުވެފައެވެ. އަދި ބްރިޖް މަތީގައި ކައިވެނިކުރާ ޒުވާނުންގެ ކައިވެނި ހަފްލާއަށް ވަޑައިގެން އެޒުވާނުންގެ އުފަލުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސް ޔަމީން ވަނީ ވިދާޅުވެފައެވެ.