ޚަބަރު

ބްރިޖާއެކު ރާޅުގަނޑު ސަރަހައްދު ރާޅާއަޅަން ހުޅުވާލަނީ


ސިނަމާލެ ބްރިޖް އާއްމުންނަށް ހުޅުވާލުމަށްފަހު ރާޅުގަނޑު ސަރަޙައްދުގައި ރާޅާއެޅުމުގެ ފުރުސަތު ކުރިއެކޭވެސް އެއްގޮތަށް ލިބިގެންދާނެކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުޢިއްޒު ވިދާޅުވީ ބުރިޖުގެ މަސައްކަތަށް ރާޅުގަނޑު ސަރަޙައްދު ބަންދުކުރީ ރާޅާއެޅުންތެރިންގެ ރައްކާތެރިކަމާއި ސަލާމަތަށްކަމަށެވެ. އަދި މިހާރު ބްރިޖްގެ މަސައްކަތް ނިމި ބްރިޖް ހުޅުވަން ތައްޔާރުވެފައިވާއިރު އެ ސަރަޙައްދު އަނެއްކާވެސް ރާޅާ އެރުމަށް ކުރިއެކޭ އެއްގޮތަށް ބޭނުންކުރެވޭނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބްރިޖުގެ މަސައްކަތްކުރުމަށް ހެދި އެޕްރޯޗު ބްރިޖުގެ ބައިތައް ނެގުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި އެޕްރޯޗު ބްރިޖުގެ ބައެއް ބައިތައް މިހާރުވެސް ނަގާފައިވާކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ މިހާރު ހުރީ ކަނޑު އަޑިއަށް ޖަހާފައިވާ ބައިތައްކަމަށާއި އެ ބައިތައް ނަގަން އަންނަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން 6 މަސްދުވަސް ކޮންޓްރެކްޓަރަށް ދީފައިވާކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ އެދެން އެ ބައިތައް ނެގުމަށް. އެކަމަކު އަޅުގަނޑުމެންނަށް އެކަން މަޖުބޫރެއްވެސް ނުކުރެވޭނެ ކޮންޓްރެކްޓުގައި މުއްދަތެއް ދީފައިވާތީ. އެހެންނަމަވެސް އެ ބައިތައް ނެގުމުމުގެ މަސައްކަތް ކޮންޓްރެކްޓަރުވެސް ކުރަމުންދާނީ." މިނިސްޓަރ ވިދާޅުވިއެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ފެށުމާއެކު ރާޅުގަނޑު ސަރަޙައްދުގައި ރާޅާ އެޅުން މަނާކުރި ނަމަވެސް ސަރުކާރުން ވަނީ ރާޅާއަޅާ މީހުންނަށް ތަނބުރުދޫ ޚާއްސަ ކޮށްފައެވެ.