ޚަބަރު

ސަރުކާރަށް ނިސްބަތްވާ ބޭފުޅުންނާމެދު ސާބިތު ނުހިފޭ ވާހަކަދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން


ސާބިތު ހެއްކެތް ނެތި ސަރުކާރާއި ސަރުކާރަށް ނިސްބަތްވާ ބޭފުޅުންގެ އަބުރު ކަތިލުމަށް ހަޤީޤަތާ ޚިލާފު ވާހަކަ ފަތުރާ މީހުންނާމެދު އަބުރުގެ ދައުވާކުރާނެކަމުގެ އިންޒާރު ވެރިކަންކުރާ މައި ޕާޓީ ޕީ.ޕީ.އެމުން ދީފިއެވެ.

ޕީ.ޕީ.އެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިޚާބަށް ރީތި ކެމްޕެއިނެއް ކުރައްވާނެކަމަށް ބުނެ ވާހަކަދައްކަމުންދާއިރު، އެއްވެސް ސާބިތު ހެއްކެއް ނެތި އިދިކޮޅު ބައެއް ބޭފުޅުން ޕީ.ޕީ.އެމްގެ މުސްތަޝާރާއި، ޕާޓީގެ އިސްވެރިންނާއި ސަރުކާރުގެ ވަޒީރުންގެ އަބުރުގެއްލޭފަދަ ވާހަކަ އެކި ޕްލެޓްފޯމްތަކުގައި ދައްކަމުންދާކަމަށެވެ.

މިގޮތަށް ސާބިތު ނުހިފޭ ވާހަކަދައްކާ މީހުންގެ މައުލޫމާތު އެއްކުރަމުންދާކަމަށާއި، ހިތުހުރި ވާހަކައެއް ދެއްކުމަށްފަހު އެއީ ކެމްޕެއިންގެ ފޯރީގައި ދެއްކި ވާހަކައެއްކަމަށް ބުނެ ސަލާމަތް ނުވެވޭނެކަމަށް ނިހާން ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އަބުރު ރައްކާތެރިކުރުމުގެ ޤާނޫނެއް އެބައޮތް. އަޅުގަނދުމެންގެ ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެމަނިކުފާނު ބޭނުންފުޅު ނޫންކަމަށް އެއިން އެއްވެސް މީހަކަށް ދައުވާކުރާކަށް، ނަމަވެސް އަޅުގަނޑު ދަންނަވާނީ، ޤާނޫނީ ޝަޚްސެއްގެ ގޮތުގައި ޕީ.ޕީ.އެމުން މިދެންނެވި ހުރިހާ މަޢުލޫމާތެއް ރިކޯޑްކޮށް ބަލަހައްޓަމުންނޭ. ޖުމްލަކޮށް ސަރުކާރާއި ސަރުކާރަށް ނިސްބަތްވާ ބޭފުޅުންގެ އަބުރުކަތިލުމައްޓަކައި އެއްވެސް ސާބިތު ހެއްކެތްނެތި ވަގަށް ގޮވާމީހުން ވަގަށް ގޮވި ގަޑިއާ، މިނެޓާއި، ސާތާއި، ސިކުންތައްދަންދެން ރިކޯޑްކޮށް އޭގެ ވީޑިއޯއާއެކުގައި އަލުގަނޑުމެން ތައްޔާރުކޮށްގެން އެބަތިބީމޭ" ނިޙާން ވިދާޅުވިއެވެ.

ނިހާން ވާހަކަފުޅުގައި އިދިކޮޅު ކޯލިޝަންގެ ބައެއް ބެފުޅުން ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ބާރު ކަނޑުވާލާނެފަދަ ވާހަތައް ދައްކައްކައި ސަލާމަތީ ބާރުތަކުގެ އަގުވާއްޓާލުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާއިރު، މިއަދުވެސް މިފެންނަނީ ދިވެހި ރައްޔިތުންގެ ދިފާއުގައި ސަލާމަތީ ބާރުތަކުން ހިތްވަރުގަދަ މަސައްކަތްތައް ކުރަމުންދާ މަންޒަރުކަން ފާހަގަކުރެއްވިއެވެ. ނިހާން ވަނީ ރޭގެ ވަގުތެއްގައި މީހެއްގެ ގަޔަށް ވަޅިހަރާފައި ފިލަން އުޅުނު މީހަކު ހައްޔަރުކުރަން ފުލުހަކު ކުރި މަސައްކަތް ފާހަގަކޮށް އެކަމަށް ތައުރީފް ކުރައްވާފައެވެ.

"ދިވެހި ފުލުހުންނާއި، ސިފައިގެ ޚިދުމަތް އަބަދުވެސް ޝުކުރުވެރިކަމާއި ފަޚުރުވެރިކަމާއެކު އަޅުގަނޑުމެން ބަލައިގަންނަން، އަޅުގަނޑުމެން އަބަދުވެސް ޤަބޫލުކުރަން ޖާނާއި މާލަށް ބެލުމެއް ނެތި ދިވެހިންގެ ސަލާމަތާއި ރައްކާތެރިަކަމަށްޓަކައި ފަޚުރެއްކަމުގައި އަޅުގަނޑުމެން ދިވެހި ސިފައިންނާ ފުލުހުންވޭ. ނަމަވެސް އެއްބައި ބޭބޭފުޅުން ސިޔާސީ ގޮތުން މިކަހަލަ ކަންތައް ހަނދުމަފުޅުވެގެން ބައެއް ދުވަސްދުވަހު މިކަހަލަ ވާހަކައެއް ދައްކަވާތަނެއް ނުފެނޭ" ނިހާން ފާހަގަކުރެއްވިއެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވަނީ ޕީ.ޕީ.އެމް ކޯލިޝަނުގައިު ހިމެނޭ އެމް.ޑީ.އޭގެ ހިންގުމާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް ހަވާލުވެވަޑައިގަތުމާއި ގުޅިގެން އޭނާ އަށް މަރުޚަބާ ދަންނަވާފައެވެ.