ޚަބަރު

ޓޫރިސްޓް ވިސާގައި ރިޔާސީ އިންތިޚާބު އޮބްޒާވްކުރާނަމަ ފިޔަވަޅު އަޅާނަން - އިމިގްރޭޝަން


ޓޫރިސްޓް ވިސާގައި ރާއްޖެއައިސް، ރިޔާސީ އިންތިޚާބު މޮނިޓަރކުރުމާއި، އޮބްޒާރވްކުރުމުގައި ހަރަކާތްތެރިވާނަމަ ފިޔަވަޅުއަޅާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބު އޮބްޒާރވުކުރުމަށާއި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ރާއްޖެއަންނަން ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ބިޒްނަސް ވިސާއެއް ކަމަށެވެ. އަދި މި ވިސާ ދޫކުރެވޭނީ، އޮބްޒަރވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ނުވަތަ މޮނީޓަރެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ފަރާތްތަކަށް އެކަނިކަމަށާއި، ޓުއަރިސްޓުންގެ ގޮތުގައި ރާއްޖެއަށް އެތެރެވުމަށްފަހު އިލެކްޝަން އޮބްޒަރވްކުރުން ނުވަތަ މޮނީޓަރ ކުރުންފަދަ މަސައްކަތެއް ކުރުމަކީ އިމިގްރޭޝަންގެ ޤާނޫނާއި ޚިލާފު ކަމެއްކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ޓުއަރިސްޓް ވިސާގައި ރާއްޖެ އެތެރެވެ، އިންތިޚާބު ކަވަރކުރުމުގެ އެއްވެސް މަސައްކަތެއްގައި ޝާމިލުވާ ފަރާތްތަކާއިމެދު އިމިގްރޭޝަން ޤާނޫނުގައި ވާގޮތުގެ މަތީން ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި ބިޒްނަސް ވިސާ ޤަވައިދުގައި ބުނެފައިވާ ލިޔެކިޔުންތަކުގެ އިތުރުން، ރިޔާސީ އިންތިޚާބު ކަވަރ ކުރުމަށް ދީފައިވާ ހުއްދައާއިއެކު ބިޒްނަސް ވިސާ ޤަވައިދުގައި ވިސާއަށް އެދެވޭނެ ކަމަށް ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވިސާއަށް އެދި ހުށަހެޅޭނެކަމަށާއި، ފުރިހަމަ ނުވާ އެޕްލިކޭޝަންތަކާއި، ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާތިލު ކުރެވޭނެކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އަންނަމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ކަވަރ ކުރުމަށް އަންނަ ފަރާތްތައް ރާއްޖެއަށް އަންނަންވާނީ ބިޒްނަސް ވިސާ އެޕްރޫވްވުމުން ކަމަށާއި، ބިޒްނަސް ވިސާ އެޕްރޫވްވުމުގެ ކުރިން އަންނަ ފަރާތްތައް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދީ ފޮނުވާލެވޭނެކަމަށްވެސް މޯލްޑިވްސް އިމިގްރޭޝަނުން ބުނެއެވެ. ބިޒްނަސް ވިސާއަށް އެދި ހުށަހެޅޭނެ އެންމެފަހު ތާރީޚެއްގެ ގޮތުގައި އިމިގްރޭޝަނުން ދީފައިވަނީ 15 ސެޕްޓެމްބަރ 2018 އެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބު މޮނިޓަރކުރުމަށް ބޭރުގެ 34 ފަރާތަކާއި، އޮބްޒަރވްކުރުމަށް 25 ފަރާތަކުން ޝަޢުގުވެރިކަންފާޅުކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާއިރު، މީގެ ތެރޭގައި ބޭރުގެ ބައެއް މަޝްޙޫރު މީޑިއާތައް ތަމްސީލުކުރާ ފަރާތްތައްވެސް ހިމެނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.