ޚަބަރު

މިޔަންމާއާ ބެހޭގޮތުން އދން ނެރުނު ރިޕޯޓު އެ ޤައުމުން ދޮގުކޮށްފި


މިދިޔަ އަހަރުގެ އޯގަސްޓް މަހު މިޔަންމާގެ އަސްކަރިއްޔާއިން އެ ޤައުމުގެ ބައިމަދު ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ ޖަރީމާތައް ބަޔާންކޮށް އދން ދާދިފަހުން ޝާއިޢުކުރި ރިޕޯޓަކީ، ދޮގު މަޢުލޫމާތުގެ މައްޗަށް ބިނާކޮށްފައިވާ ރިޕޯޓެއްކަމަށް މިޔަންމާގެ ސަރުކާރުން ބުނެފިއެވެ.

ސަރުކާރުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި މިޔަންމާ ސަރުކާރުގެ ތަރުޖަމާނު ޒައު ތައީ ވިދާޅުވީ، މިޔަންމާއިން އދގެ ތަހްޤީޤު ކުރާ ޓީމުތައް އެ ޤައުމަށް އެރިޔަ ނުދޭ ކަމަށާއި، އެ ޤައުމަށް ނުވަދެ، އެ ޤައުމާ ބެހޭގޮތުން އދން ހެދި މި ރިޕޯޓު، މި ސަބަބަށްޓަކައި އެގައުމުން ޤަބޫލު ނުކުރާނެކަމަށެވެ. އަދި މިޔަންމާއާ ދެކޮޅަށް އދ އާއި ބައިނަލްއަޤުވާމީ މުޖުތަމަޢުން ކުރާ މި ތުހުމަތުތައް ތަހްޤީޤުކުރުމަށް އެ ޤައުމުން ޚާއްޞަ ކޮމިޝަނެއް އެކުލަވާލާފައިވާނެކަމަށާއި، މި ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ ސަބަބުން ހަތް ސަތޭކަ ހާހަށް ވުރެ ގިނަ މީހުން މިޔަންމާގެ ރަކާން ސްޓޭޓް ދޫކޮށް އަވަށްޓެރި ބަންގްލަދޭޝަށް ހިޖުރަކޮށްފައިވާއިރު، މިހަފުތާގެ ކުރީކޮޅު އދން ނެރުނު ރިޕޯޓްގައި ވަނީ މި ފަރާތްތަކުން ތަހައްމަލުކުރި ޖަރީމާތަކުގެ ތަފްޞީލު ޝާއިޢުކޮށްފައެވެ. އދގެ ރިޕޯޓްގައި ބުނެފައިވަނީ، މިޔަންމާގެ އަސްކަރިއްޔާއިން ވަނީ ރޮހިންޔާ މުސްލިމުންގެ ގިނަ ބަޔަކު މަރާ ރޮހިންޔާ މުސްލިމު އަންހެނުންގެ ގިނަ ޢަދަދެއްގެ ބައެއްގެ އިއްފަތްތެރިކަން ނަގާލާފައިކަމަށެވެ.

އަދި މިޔަންމާގެ އަސްކަރިއްޔާއިން ހިންގި ޖަރީމާތަކަކީ ރޮހިންޔާ ނަސްލު ދުއްވާލުމުގެ ނިޔަތުގައި ހިންގާފައިވާ ޖަރީމާތަކެއް ކަމަށާއި އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނަށް ހަނގުރާމައިގެ ކުށްތައް ހިންގިކަމަށް ދަޢުވާކުރަން ޖެހޭކަމަށް ސަރުކާރުން ބުނެއެވެ.