ޚަބަރު

ތާނަ ބްރައިލް ކޯހުގެ ދަރިވަރުންނާ އެޑިއުކޭޝަން މިނިސްޓަރު ބައްދަލުކުރައްވައިފި


ދިވެހިބަހުގެ އެކެޑެމީގައި ހިންގަމުންދާ ތާނަ ބްރައިލް ކޯހުގެ ދަރިވަރުންނާ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އާއިޝަތު ޝިހާމް ބައްދަލުކުރައްވައި އެކޯސް ހިންގާގޮތް ބައްލަވާލައްވައިފިއެވެ.

ދިވެހިބަހުގެ އެކެޑެމީން ހިންގާ އެއްމަސް ދުވަހުގެ މިކޯހުގެ ބައިވެރިންނަށް ތާނަ ލިޔެކިޔަން ދަސްކޮށްދޭނީ އެކަމަށްޓަކައި އަލަށް އުފެއްދި ތާނަ ބްރައިލް ބޭނުން ކޮށްގެންނެވެ. މިކޯހުގައި ކިޔަވައިދެއްވަނީ ތާނަ ބްރައިލް އީޖާދު ކުރެއްވި އަލްގާރީ އަހްމަދު ރަޝީދު އަބްދުލް ގާދިރެވެ.

ބްރެއިލަކީ އުފުލިފައިވާ ހަތިކި ވަކިޚާއްސަ ތަރުތީބުތަކަކުން އަތުރާލައިގެން އުފައްދާފައި ހުންނަ އަކުރުތަކެކެވެ. އެ ގޮތަށް ލިޔެފައި ހުންނަ ލިޔުންތައް، ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހުން ކިޔާނީ އެމީހުންގެ އަތުގެ އިނގިލިތަކުން، އުފުލިފައިވާ އެ ތިކިތަކުގައި ޖައްސައިގެން އެތިކިތައް އެތުރިފައިވާ ބައްޓަމުން ނުވަތަ ތަރުތީބުން އެއީ ކޮން އަކުރުތަކެއް ކަން ދެނެގަނެގެންނެވެ.

މި ކޯހުގައި، ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމުގެ އިތުރުން، ބްރައިލް ބޭނުންކޮށްގެން އެފަދަ ކުދިންނަށް ކިޔަވައިދޭނެ މުދައްރިސުން ވެސް އުފައްދާނެއެވެ. މީގެ އިތުރުން މިފަދަ ކުދިން ވަޒީފާގެ މައިދާނަށް ނެރުމަށް ތައްޔާރު ކޮށްދިނުމަކީ ވެސް މިކޯހުގެ އެއްމަގްސަދެވެ.