ޚަބަރު

ލ. އަތޮޅުގައި ޕީޕީއެމުން ބޭއްވި ސައިކަލް ބުރަށް ބޮޑު ތަރުހީބެއް!


ރައީސް ޔާމީނަށް ލ. އަތޮޅުގައި އޮތް ތާއީދު ދައްކާލުމަށް ގަން، ފޮނަދޫ ޒުވާނުން އިސްނައިގެން ބޭއްވި ސައިކަލް ބުރަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ހައްދުންމަތީ ޒުވާނުން އިސްނަގައިގެން ބޭއްވި ސައިކަލް ބުރުގައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ ރަނިންގމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދާއި، ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް މޫސާ މަނިކު ބައިވެރިވެވަޑައިގެންނެވިއެވެ. މި ސައިކަލު ބުރުގައި 400 އަށްވުރެ ގިނަ ސައިކަލާއި ލޮރީ ބޭނުންކޮށްފައިވާއިރު، ހާހަކަށްވުރެ ގިނަ މީހުން މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި ޕީޕީއެމްއާއި ރައީސް ޔާމީނަށް ތާއިދު ކުރާ ދެ ޖިންސްގެ ޒުވާނުންނާއި، މެދު ޢުމުރުގެ މީހުން ހިމެނެއެވެ.

މިއީ ރާއްޖޭގެ ރަށެއްގައި މިހާތަނަށް އެއްމެ ގިނަ މީހުން ބައިވެރިވި ސައިކަލް ބުރު ކަމަށް އެކަން އިންތިޒާމް ކުރި ފަރާތުން ބުންޏެވެ.

ސައިކަލު ބުރު އިންތިޒާމް ކުރި ފަރާތުން ބުނީ މިއީ ހަމައެކަނި ލ. ގަން، ފޮނަދޫގައި ތިބި ޒުވާނުންނަށް ބައިވެރިވި ޙަރަކާތެއް ކަމަށާއި، ލ. އަތޮޅުގެ އެހެން ރަށްތަކުގައި މިއަށްވުރެ ގިނަ ސަޕޯޓަރުން އެބަތިބިކަމަށެވެ.

މި ހަރަކާތް ނިންމާލުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންގެ ރަނިންގ މޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ލ. އަތޮޅުގެ ރަށްތަކުންނާއި މި ސައިކަލު ބުރުން ފެނުނު މަންޒަރުތަކުން ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް މިއަތޮޅުން ތަނަވަސް އަޣްލަބިއްޔަތު ލިބިގެންދާނެ ކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައިވާ ކަމަށެވެ.

މި އިވެންޓްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވީ މި ސައިކަލު ބުރުން އެކަނިވެސް އިދިކޮޅު ފަރާތްތަކަށް ފެނިގެން އެ ދިޔައީ ހައްދުންމަތީ ރައްޔިތުންގެ ތާއީދު އޮތް ގޮތް ކަމަށާއި، އެ ފަރާތްތަކުން ބޭނުންވި ނަމަވެސް އެއީ އެޑިޓްކޮށްފައިވާ ފޮޓޯގަނޑަކަށް ނުހެދޭނެ ކަމަށެވެ.

ޕީޕީއެމްގެ ޒުވާނުން ބޭއްވި ސައިކަލް ބުރުގައި ހާހަކަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، ޑރ. ޝަހީމް މި އަތޮޅަށް ވަޑައިގެންނެވި ދުވަހު އިދިކޮޅު ފަރާތްތަކުންވެސް ވަނީ ހައްދުންމަތީ ބޮޑު މަގުގައި ވެހިކަލް ބުރެއް ބާއްވާފައެވެ. އެހެންނަމަވެސް އިދިކޮޅުން ބޭއްވި ވެހިކަލް ބުރަށްވުރެ މި ވެހިކަލްބުރަށް ތާއީދު ބޮޑުކަމަށް ލ. އަތޮޅު ރައްޔިތުން ބުނެއެވެ.