ރިޔާސީ އިންތިޚާބަށް ނެރޭ އިދިކޮޅު ކެނޑިޑޭޓާއި ރަނިން މޭޓަކީ ކޮބައިކަން އަދިވެސް ނޭންގޭ ކަމަށާއި، އިދިކޮޅުގައި ތިބީ ޙުކުމްކޮށްފައި ތިބި ޤައީދީންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނާއި އެމަނިކުފާނުގެ ރަނިންގ މޭޓް ޑރ. މުހައްމަދު ޝަހީމަށް ތާއީދު އިތުރުކުރުމުގެ ގޮތުން ހައްދުންމަތީ ގަމާއި ފޮނަދޫގެ މަގުތަކުގައި ކުރިއަށް ގެންދިޔަ ސައިކަލް ބުރުގައި ބައިވެރިވި ޒުވާނުންނާ މުޚާތަބް ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް މޫސާ މަނިކު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކެމްޕެއިން ކުރަމުންދަނީ 4 މީހެއްގެ ފޮޓޯ ޖަހައިގެން ކަމަށާއި އެތަނުން ކެނޑިޑޭޓަކީ ކޮބައިކަމާއި ރަނިން މޭޓަކީ ކޮބައިކަން އަދި ރައީސްކަން ކުރާނީ ކާކުކަމެއް އަދިވެސް ނޭންގޭ ކަމަށެވެ. އެގޮތުން އިިދިކޮޅު ފަރާތްތަކުން ޕްރޮމޯޓްކުރަމުންދާ ފޮޓޯތަކުގައި ތިބީ ހުސް ޖަލަށް ޙުކުމް ކޮށްފައި ތިބި ޤައިދީން ކަމަށް މޫސަ ވިދާޅުވިއެވެ.
"އޭގެ ތެރޭގައި ތިބީ އެއްމެނަށްވެސް އެނގޭ މީހުން. އެއީ 30 އަހަރު ވެރިކަން ކުރި މީހަކާ. 5 އަހަރު ވެރިކަން ކުރި މީހަކާ. 50 ފަހަރަށް ބައިވެރިވެގެން ކެޓި މީހަކާ. ދެން ކޮބައިތޯ އޭގެ ތެރެއިން ޞައްޙަ މީހަކީ." މޫސާ މަނިކު ވިދާޅުވިއެވެ.
މޫސާ މަނިކު ވިދާޅުވީ ޕީޕީއެމުން ކުރާ މަސައްކަތަކީ އިސްލާމްދީން މިޤައުމުގައި ދެމެހެއްޓުމުގެ މަސައްކަތް ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާއި ޑރ. ޝަހީމަށް ވޯޓް ދޭން ޖެހޭ ސަބަބަކީ އެއީ ކަމަށެވެ.
"އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އަޅުގަނޑުމެންގެ ތުއްތު ދަރިންގެ ތައުލީމް. އެކަނިވެރި މައިންނަށް އަޅާލާ އަޅާލުން. އުމުރުން ދުވަސްވީ މީހުންނަށް ހުރި އޯގާތެރިކަމާއެކު ދެވޭ އެހީތައް. ހައްދުންމަތީގެ މި ބޮޑު މަގު ރަމްޒުކޮށްދޭ ގޮތުން ރައީސް ޔާމީން ރާއްޖޭގައި ހިންގަވާ ތަރައްޤީގެ މަޝްރޫއުތައް." މޫސާ މަނިކު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެވަޑައިގެން ހައްދުންމަތީ ބޮޑުމަގުގައި ކުރިއަށްގެންދިޔަ ސައިކަލް ބުރުގައި އެދެރަށަށް ނިސްބަތްވާ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިއެވެ.