ޚަބަރު

ވީއައިއޭގެ އައު ރަންވޭގައި ޓެސްޓް ފްލައިޓް ޖެއްސުމަށް ތައްޔާރުވަނީ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޓެސްޓް ފްލައިޓް ޖެއްސުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވާންފަށައިފިއެވެ.

އެއަރޕޯޓްގައި އަލަށް ތަރައްޤީކުރާ ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް ނިންމާފައިވަނީ މި ހަފްތާގެތެރޭގައެވެ. އަދި މިހާރު ކުރިއަށްދަނީ ޓެސްޓް ފްލައިޓްތައް ޖެއްސުމުގެ ކުރިން ކުރަންޖެހޭ ކުދިކުދި ކަންތައްތައްތައް ކުރުމުގެ މަސައްކަތްކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ބުނެއެވެ.

ތާރުއެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، މިހާރު ކުރަމުންދަނީ ފްލައިޓްތައް ޖެއްސުމުގެ ކުރިން ވާންޖެހޭ ކުދިކުދި މަސައްކަތްތައް ކުރުމުގެ މަސައްކަތެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ އާ ރަންވޭއަކީ އެންމެ ފެންވަރު ރަނގަޅަށް، ޚިދުމަތް އަވަސްވާނި ގޮތްތަކަށް ބަލައިގެން ތަރައްޤީކޮށްފައިވާ ރަންވޭއެއްކަމަށެވެ. އެގޮތުން މިހާރު އެއް ފްލައިޓް ޖައްސައި، އިތުރު ފްލައިޓެއް ޖެއްސުމަށް ރަންވޭ ހުސްކުރުމަށް 10 މިނިޓާއި 12 މިނެޓާއި ދެމެދުގެ ވަގުތު ނަގާއިރު، އާ ރަންވޭއާއިއެކު މި ވަގުތު 2މިނެޓް ނުވަތަ ތިން މިނެޓަށް ކުޑަވެގެންދާނެކަމަށެވެ.

"ސެޕްޓެމްބަރުމަހު ޓެސްޓް ފްލައިޓް ޖައްސާނަން. އެއަށްފަހު ތިންމަސްތެރޭގައި ކޮމަރޝަލް ދަތުރުތައް ފަށާނަން. ތިންމަސްވަނީ ދަތުރުތައް ފެށުމުގެ ކުރިން، ރަންވޭގެ ކަންކަން ހުރީ ކަނޑައެޅީފައިވާ މިންގަނޑުތަކަށްތޯ ބެލުމަށް."

ޢާދިލް ވިދާޅުވިއެވެ.

އާދިލް މޫސާ ވިދާޅުވީ ރަންވޭގެ ނެވިގޭޝަން މަސައްކަތްތަކަށް ޚާއްސަ ސިސްޓަމެއްވެސް އާ ރަންވޭގައި ބޭނުންކުރުމަށް ހަދާފައިވާކަމަށެވެ. އެގޮތުން ވައިޖެހުމާއި، މޫސުން ގޯސްވާ ދުވަސްތަކުގައިވެސް ޕައިލެޓުންނަށް އެއްވެސް ދަތިކަމެއްނެތި ފްލައިޓް ޖައްސަނެކަމަށް އޭނާވިދާޅުވިއެވެ.

"މިހާރު ރަންވޭގައި ފާހަގަތައްޖެހުމާއި، ލައިޓްޖެހުމާއި، ޓެކްސީވޭގެ މަސައްކަތްތައްވެސްވަނީ މުޅިން ނިމިފައި. އަދި ނެވިގޭޝަން ސިސްޓަމްތައް ޖެހުމުގެ މަސައްކަތްވެސްވަނީ ނިމިފައި."

ޢާދިލް ވިދާޅުވިއެވެ.

އަލަށް ތަރައްޤީކުރި ރަންވޭއަކީ ފްލައިޓްތަކުގެ ދަތުރުތައް އަވަސްކުރެވޭގޮތަށް ތަރައްޤީކޮށްފައިވާ ރަންވޭއެކެވެ. އެގޮތުން އެންމެ ފެންވަރުރަނގަޅު އެއަރޕޯޓްތަކުގައި އޮޕަރޭޓްކުރާގޮތަށް، މި އެއަރޕޯޓްގައި އެއް ފްލައިޓް ޓޭކްއޮފް ކުރާވަގުތު، އިތުރު ފްލައިޓެއް ރަންވޭގައި ޓޭކްއޯފް ކުރުމަށް ތައްޔާރުގައި ބޭއްވޭނެއެވެ.

އާ ރަންވޭއަކީ 3400 މީޓަރި ދިގު، 65 މީޓަރު ފުޅާ ރަންވޭއެކެވެ. އަދި މި ރަންވޭ ތަރައްޤީކުރަނީ އެންމެ ބޮޑެތި އޭ-380 މަރުކާގެ ފްލައިޓްތައްވެސް ޖެއްސޭގޮތަށެވެ. ޢާދިލް މޫސާ ވިދާޅުވީ، އޭ.380ގެ ފްލައިޓްތަކަކީ 700އާއި ގާތްކުރާ ޢަދަދަކަށް ޕެސެންޖަރުން ދަތުރުކުރާ ފްލައިޓަކަށްވާތީ، މިފްލައިޓްތައް ޖައްސަންފަށާނީ، ޓަރމިނަލް ކެޕޭސިޓީ އިތުރުކުރެވެމުންކަމަށެވެ.