ރ.ދުވާފަރުގައި ޤާއިމްކުރާ ފެން ބަންދުކުރާ ބޮޓްލިންގ ޕްލާންޓްގެ މަސައްކަތް ނިންމާ ވަރަށް އަވަހަށް ޚިދުމަތް ފަށާނެކަމަށް، ޕްރޮޖެެކްޓް ކުރިއަށްގެންދާ މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީން ބުނެފިއެވެ.
އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދް ވިދާޅުވީ މަސައްކަތުގެ 95 އިންސައްތަ މަސައްކަތް މިހާރު އެއްކޮށް ނިމިިފައިވާކަމަށެވެ.
ބޮޓްލިންގ ޕްލާންޓްގެ ބޮޑެތި ހުރިހާ މަސައްކަތްތައް މިހާރު ނިމިފައިވާއިރު، މަސައްކަތް ފެށުމަށް ބޭނުންވާ ލައިސަންސް ލިބުމާއެކު ޚިދުމަތް ފަށާނެކަމަށް ފަޒުލް ވިދާޅުވިއެވެ. އެގޮތުން ލައިސަންސް ދިނުމަށް ބޭނުންވާ މަސައްކަތްތައް ކުރުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޓީމެއް މިއަދު އެރަށަށް ދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ މިއީ ހަމައެކަނި ދުވާފަރުގެ ތަރައްޤީއަށް ކުރާ މަސައްކަތެއް ނޫންކަމަށާއި މިކަމުގެ ފައިދާ މުޅި ރ.އަތޮޅު ހިމެނޭ ސަރަޙައްދަށް ކުރާނެކަމަށެވެ.
"ރ.އަތޮޅުގެ ހުރިހާ ރަށާކާއި އަދި މަސްވެރިންނަށްވެސް މި ނިޒާމުގެ ސަބަބުން ފަސޭހަކަމާއިއެކު ފެން ލިބޭނެ. މި ޕްލާންޓާއިއެކު މިރަށު ޒުވާނުންނަށް 15 ވަޒީފާގެ ފުރުސަތު ހުޅުވިގެން ހިނގައްޖެ. އަދި ވަރަށް އަވަހަށް ޑިސްޓްރިބިއުޝަން ނެޓްވަރކްތައް ހަދަން އިޢުލާން ކުރާނަން. މިފުރުސަތުވެސް ދޫކޮށްލާނީ މި ދާއިރާގެ ރައްޔިތުންނަށް." ފަޒުލް ވިދާޅުވިއެވެ.
އެމް.ޑަބްލިއު.އެސް.ސީން މަޢުލޫމާތުދޭ ގޮތުގައި ދުވާފަރުގައި 15 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ޤާއިމުކުރާ ބޮޓްލިންގ ޕްލާންޓުން ގަޑިއަކު 6000 ފުޅީގެ ފެން ބަންދުކުރެވޭނެއެވެ.