ޚަބަރު

އިންސްޕިރޭޝަނަލް ލީޑަރ އޮފް ދަ އިޔަރގެ އެވޯޑް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރަށް ލިބިއްޖެ


މޯލްޑިވްސް ބިޒްނަސް އެންޑް ކަސްޓަމަރ އެކްސްޕީރިއަންސް އެވޯޑްސްގެ އިންސްޕިރޭޝަނަލް ލީޑަރ އޮފް ދަ އިޔާރގެ އެވޯޑް، ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލްއަށް ލިބިވަޑައިގެންފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި 2018 ވަނަ އަހަރުގެ މޯލްޑިވްސް ބިޒްނަސް އެންޑް ކަސްޓަމަރ އެކްސްޕީރިއަންސް އެވޯޑްސްގައި ރާއްޖޭގެ ވިޔަފާރިއާއި ކަސްޓަމަރ ސަރވިސް ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކަށާއި ކުންފުނިތަކަށް ވަނީ އެވޯޑް އަރުވާފައެވެ.

މިއަހަރުގެ މޯލްޑިވްސް ބިޒްނަސް އެންޑް ކަސްޓަމަރ އެކްސްޕީރިއަންސް އެވޯޑްސްގެ އެންމެ ޝަރަފުވެރި އެވޯޑްކަމުގައިވާ އިންސްޕިރޭޝަނަލް ލީޑަރ އޮފް ދަ ޔިއަރގެ އެވޯޑް ލިބިވަޑައިގެންފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޚަލީލްއަށެވެ. މި އެވޯޑާއި އިބްރާހިމް ޚަލީލްގެ ފަރާތުން ހަވާލުވެވަޑައިގަތީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގެ ޑިރެކްޓަރ މުހައްމަދު އިކްރާމް އަބްދުލް ލަތީފެވެ.

އިބްރާހިމް ޚަލީލްއަކީ 30 އަހަރަށްވުރެ ގިނަ ދުވަހު މީޑިއާގެ ދާއިރާގެ އެކި ފަންތިތަކުގައި މަސައްކަތްކުރައްވާ މި ދާއިރާ ހަރުދަނާކުރެއްވުމަށްޓަކައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. 1987 ވަނަ އަހަރު ހަވީރު ނޫހުގެ ރިޕޯޓަރުގެ މަޤާމުން މީޑިއާގެ ދައިރާއަށް ގުޅިވަޑައިގެންނެވި އިބްރާހިމް ޚަލީލްގެ މީޑިއާގެ ކެރިއަރުގައި މިއަދާއި ހަމައަށް އައި އިރު އެމަނިކުފާނަކީ އާންމުންގެ މެދުގައި މަޤުބޫލު ބޭފުޅެކެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ދައުރު ފުޅާކޮށް ކުރިއެރުވުމުގައި އިބްރާހިމް ޚަލީލް ވަނީ މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. އެގޮތުން ކުރިން 2 ޗެނަލް ހިންގި ދަޢުލަތުގެ މީޑިއާ ތަރައްޤީކޮށް، މިއަދު 6 ޓީވީ ޗެނަލްއާއި 3 ރޭޑިއޯ ޗެނަލްގެ އިތުރުން މެގަޒިންއާއި އޮންލައިން މީޑިއާއެއް ވަނީ ތަޢާރަފްކޮށްފައެވެ. ކޭބަލް ޓީވީ އިންޓަނޭޝަނަލް ފްރެންޗައިޒް ޝޯވތައް ޕަބްލިކް ސަރވިސް މީޑިއާއިން މިއަދު ގެނެސްދޭއިރު، މީގެ ކުރިން ކުންފުންޏަށް ލިބެމުންދިޔަ ކުޑަކުޑަ އާމްދަނީ އެތައް ގުނައަކަށް އިބްރާހިމް ޚަލީލުގެ މަސައްކަތްޕުޅުން ވަނީ އިތުރުކޮށްދެއްވާފައެވެ.

ރާއްޖޭގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައިވެސް ރާއްޖެ ތަމްސީލުކުރުމަށްޓަކައި އިބްރާހިމް ޚަލީލްވަނީ މުހިންމު މަޤާމުތަކެއް ފުރުއްވާފައެވެ. އެގޮތުން އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯރ ބްރޯޑްކާސްޓިންގެ ޑިވެލޮޕްމަންޓް، އޭއަބީޑީގެ ޗެއަރމަންކަން 2015 އިން 2017 އަށް ފުރުއްވާފައިވާއިރު އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިންގެ ޔޫނިއަންގެ ވައިސް ޗެއަރމަންކަން 2017 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ދަނީ ފުރުއްވަމުންނެވެ.

މޯލްޑިވްސް ބިޒްނަސް އެންޑް ކަސްޓަމަރ އެކްސްޕީރިއަންސް އެވޯޑްސްގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރގެ އިތުރުން، ޕީއެސްއެމްއަށްވެސް ވަނީ އެވޯޑްތަކެއް ލިބިފައެވެ. އެގޮތުން ލެޝުއަރ އެންޑް އެންޓަރޓެއިންމަންޓްގެ ދާއިރާއިންނާއި، ޑިޖިޓަލް އެކްސްޕީރިއެންސް އެންޑް އީ-ކޮމަރސްގެ ދާއިރާއިން އެވޯޑް ލިބުނެވެ.

މޯލްޑިވްސް ބިޒްނަސް އެންޑް ކަސްޓަމަރ އެކްސްޕީރިއަންސް އެވޯޑްސްއަކީ ރާއްޖޭގެ ވިޔަފާރިތައް ކުރިއަރުވާ، ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން މިއަހަރު ދޭންފެށި އެވޯޑެކެވެ. އިނގިރޭސިވިލާތުގެ އެތިކަލް އެވޯޑްސްއިން އެކްރެޑިޓްކޮށްފައިވާ މިއެވޯޑުގެ މިއަހަރު ޖުމްލަ 33 ފަރާތަކަށް އެވޯޑު އަރުވާފައިވެއެވެ.