ރ. ދުވާފަރު މަގުތަކުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރުމަހުގެ ތެރޭގައި ފަށްޓަވާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުވާފަރުގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ދުވާފަރުގެ މަގުހެދުމުގެ މަސައްކަތް ކުރުމަށް ޓެކްނިކަލް ގޮތުން ކަންތައްތަކެއް ކުރިމަތިވިކަން ފާހަގަކުރައްވަމުން ހައުސިންގ މިނިސްޓަރ ވިދާޅުވީ، ދިމާވި މައްސަލަތައް ހައްލުކޮށް ދުވާފަރުގެ މަގުހެދުމުގެ އިންތިޒާމްތައް ރައީސް ޔާމީންގެ މަޝްވަރާއާއެކު މިހާރު ހަމަޖެހިފައިވާކަމަށެވެ. އަދި މިވަގުތު މާލޭގައި ހަދައި ނިމެމުންދާ ރިންގު ރޯޑުގެ މަސައްކަތުގައި ބޭނުކުރި ސާމާނު ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެތެރޭގައި ދުވާފަރަށް ގެންގޮސް ވަރަށް އަވަހަށް އެރަށުގެ މައިމަގުގައި ތާރުއަޅަން ފަށާނެކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.
"މިރަށުގައި ތާރުއެޅުމަށްޓަކައި ބޭނުންވާ ޕޭވަރާއި ރޯލަރުތަކާއި މިހުރިހާ އެއްޗިހި ގެނައުމައްޓަކައި އިންތިޒާމު މިހާރުވަނީ ރޭވިފައި. އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ހަފްތާގައި މިރަށަށް ގެނެވިގެންދާނެ މާލޭގައި ތާރުއެޅުމަށް ބޭނުންކުރަމުންއެދާ ހުރިހާ ވަސީލަތެއް. އެމަސައްކަތް ފެށުމަށް ދެން ބޭނުންވާ ވަސީލަތްތައްވެސް މިރަށަށް އެވަނީ ގެންނަން ފަށާފައި. އަދި މާލެއާ ދިއްދޫގައި ހުރި ތާރުއެޅުމަށް ބޭނުންވާ މެޓީރިއަލްސް މިރަށަށް ގެނެސް ސެޕްޓެމްބަރުމަހުގެ މެދުތެރެގައި ދުވާފަރުގައި ތާރުއަޅަން ފޭށޭނެ" މުއިއްޒު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކަށް ފާޑިވިދާޅުވެ ވާހަކަފުޅުދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މާޒީގައި ކަންކަން ވެފައިވާ ގޮތުން އިދިކޮޅު ފަރާތްތަކަށް، ޚާއްސަކޮށް އެމް.ޑީ.ޕީއަށް ވޯޓުދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ.
ދުވާފަރުގައި ބޭއްވި ޖަލްސާގައި ސަރުކާރުގެ އިސްވެރިންނާއި، މަޖިލީހުގެ މެމްބަރުންނާއި ދުވާފަރުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.