އިދިކޮޅު ފަރާތްތަކާއި ގުޅިގެން ޤައުމު ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ވައްޓާލަން ދިވެހި ރައްޔިތުން ބޭނުންނުވާ ކަމަށް ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް މިހެން ވިދާޅުވީ ހައްދުން މައްޗަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހިތަދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ.ޝަހީމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާ އިދިކޮޅު ކެނޑިޑޭޓް އިންތިޚާބު ކޮށްފިނަމަ އަނެއްކާވެސް ޤައުމު ދަތުރު ކުރާނީ މާޒީގެ ކަޅު ޞަފްހާތަކުގެ ތެރެއަށް ކަމަށެވެ. އެގޮތުން ޚިޔާލާއި ފިކުރު އެއްގޮތް ނޫން ބަޔަކު ކޯލިޝަން ހަދައިގެން އުޅުނު ނަމަވެސް އެފަދަ ކޯލިޝަނުގެ ވެރިކަން ދެމި ނޯންނާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމް ވިދާޅުވީ މާޒީގެ ކަޅު ދުވަސްތަކަށް އިއާދަވާން ދިވެހި ރައްޔިތުން ބޭނުންނުވާ ކަމަށާއި މިހާރު ހުރިހާ ރައްޔިތުން ވެސް ބޭނުންވަނީ ޤައުމަށް އިތުރު ފާގަތި ކަމާއި ފަހި ދުވަސްތަކެއް އައުން ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދައުރަށް ރައީސް ޔާމީން އިންތިޚާބު ކުރަން ޖެހެނީ އެފަދަ ހުރިހާ ކަމަކުން ސަލާމަތް ވުމަށް ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބަށް ތާއީދު ހޯއްދެވުމަށް ޑރ.ޝަހީމް ހައްދުންމަތީގެ ރަށްތަކަަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މިއަދުވެސް ދެރަށަކަށް ވަޑައިގަންނަވާފައެވެ. އެގޮތުން މާވަށާއި ކުނަހަންދޫއަށް ޑރ.ޝަހީމް ޒިޔާރަތް ކުރެއްވުމުން އެމަނިކުފާނަށް އެރަށްރަށުން ވަނީ ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.