ޚަބަރު

ސުލްހަވެރިކަމާއެކު ޤައުމު ތަރައްޤީ ކުރެވޭނީ ރައީސް ޔާމީން އިންތިޚާބުކޮށްގެން - ޑރ.ޝަހީމް


ސުލްހަ މަސަލަސްކަމާއެކު ޤައުމު ތަރައްޤީ ކުރޭވޭނީ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްގެން ކަމަށް އެމަނިކުފާނުގެ ރަނިން މޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ތާއީދު ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މާވަށަށް ވަަޑައިގެންނެވުމުން ދެންނެވި ހޫނު މަރުހަބާއަށް ޝުކުރު އަދާ ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ.ޝަހީމް ވިދާޅުވީ މާވަށުން ފެނުނީ ރައްޔިތުން އެދޭ ގޮތް ކަމަށާއި އެ މަންޒަރުތަކާއެކު ރައީސް ޔާމީނާމެދު ރައްޔިތުންގެ ހިތްތަކުގައިވާ ލޯތްބާއި އިހުތިރާމް ފެނިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ތަނަވަސް އަޣްލަބިއްޔަތުން ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމުގެ އިތުބާރު ބޮޑުވެފައިވާ ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ ސިޔާސީ ގޮތުން ފިކުރު ތަފާތުވި ނަމަވެސް އިދިކޮޅު ބަޔަކު ނުތިބޭނެ ކަމަށާއި ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އެއްމެނަށްވެސް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ޕީޕީއެމުން މަސައްކަތް ކުރަންވާނީ އެހެން ޕާޓީތަކާވެސް ގުޅިގެން އެމީހުންގެ ވޯޓްތައްވެސް ހޯދަން ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އެހެންވީމާ 23 ސެޕްޓެމްބަރުގައި ދޭ ވޯޓަކީ. ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކާ. ދީނާއި، ޤައުމިއްޔަތަށްޓަކާ. މިނިވަންކަމަށްޓަކާ. އިސްތިގުލާލަށްޓަކާ ދެވޭ ވޯޓަކަށް ހައްދަވަންވީ. އެކަން ހާސިލް ކުރޭވޭނީ އިރާދަކުރެއްވިއްޔާ ރައީސް ޔާމީންގެ ވެރިކަން ދިވެހިރާއްޖޭގައި ދަމަހައްޓައިގެން." ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ރައީސް ޔާމީނަށް ތާއީދު އޮތް މިންވަރު އެމަނިކުފާނު ވަޑައިގެންނެވި ގިނަ ރަށްރަށުން ހާމަވެފައިވާ ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގައި އިތުރަށް ކެމްޕެއިން ކުރަން ނުޖެހޭ މިންވަރަށް އެރަށްރަށުގެ ރައްޔިތުންގެ ތާއީދު ރައީސް ޔާމީނަށް އޮތް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ތަނަވަސް އަޣްލަބިއްޔަތު ރައީސް ޔާމީން ހޯއްދަވާނީ އިދިކޮޅު ފަރާތްތަކުގެ ވޯޓްވެސް ލިބިގެން ކަމަށެވެ. އެގޮތުން އެހެން ޕާޓީތަކުގައި އުޅޭ މީހުންވެސް ރައީސް ޔާމީނަށް ވޯޓް ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ހައްދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގެންނެވި ރަށްރަށުން ހޫނު މަރުހަބާއެއް ދަންނަވާފައިވާ އިރު، ޑރ.ޝަހީމް ވަނީ އެރަށްރަށުގައި ދޮރުން ދޮރުން ހިންގަވާ ގިނަ ރައްޔިތުންނާ ބައްދަލު ކުރައްވާ އެފަރާތްތަކުގެ ޝުއޫރުތައް އަޑު އައްސަވާފައެވެ. އަދި އެރައްޔިތުންނަށް އުފާވެރި ޚަބަރުތަކެއް ދެއްވާފައެވެ.