ޚަބަރު

ވޯޓާރސް ލިސްޓް ޢާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި


ވޯޓްލުމަށް ރަޖިސްޓްރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ލިސްޓް ޢާންމުކޮށް ޝަކުވާހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ލިސްޓު މިހާރު ޢާއްމުކޮށްފައިވާއިރު އެލިސްޓުގައި އެއްވެސް މައްސަލައެއް ވާނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި މުއްދަތުގައި ޝަކުވާހުށަހެޅޭނީ ހަމައެކަނި ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތާއި ގުޅޭ ގޮތުންކަމަށެވެ.

ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ "ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" އިންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެގޮތުން ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުގައި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އަދި މާލޭ ސިޓީގައިނަމަ އިންތިޚާބާ ބެހޭ މަރުކަޒުގައި ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ ދެލައްކަ ފަސްދޮޅަސް ދެހާސް އެއްސަތޭކަ ތިރީސް ފަސް މީހުންނަށް ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކޮށްފައެވެ. ރިޔާސީ އިންތިޚާބުގައި ވޯޓްލުމަށް 472 ފޮށި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކޮށްފައެވެ.